ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން އިމްތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އެސްޓިއޯ ނޫފަހި 25 ވަނަ ގައުމީ ކެރަމް މުބާރާތުގައި ޕްރިމިއާ ޑިވިޝަންގެ ސިންގަލްސް ޗެންޕިއަންކަން އަހުމަދު ހާމިދު ހޯދައިފި އެވެ.

އޭނާ މުބާރާތުގެ މި އިވެންޓުގެ ޗެންޕިއަންކަން ހޯދީ، މިއަދު ކުޅުނު ފައިނަލް މެޗުގައި އިސްމާއިލް އަޒްމީނު އާއި ބައްދަލުކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެނެވެ. މިއީ މި މުބާރާތުގެ ފައިނަލަށް އަޒްމީނު ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ޕްރިމިއާ ޑިވިޝަން ފިރިހެން ސިންގަލްސް އިވެންޓަކީ މި މުބާރާތުގައި ބޭއްވި އެންމެ ފަހު އިވެންޓެވެ.

ޕްރިމިއާ ޑިވިޝަންގެ ފައިނަލް މެޗަށް ފަހު މުބާރަތުގައި އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކުރުން އޮެތެވެ. މި ހަފްލާގެ ޝަރަފްވެރި މެހެމާނަކަށް ވަޑައިންނެވީ ރައްޔިތުންގެ މަޖުލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް އެވެ. މީގެ އިތުރުން މި ހަފްލާގައި މުބާރާތުގެ މެއިން ސްޕޮންސާ ގެ ފަރާތުން އެސްޓީއޯގެ ޕަބްލިކް ރިލޭޝަންސްގެ ޖެނެރަލް މެނޭޖާ މަރިޔަމް ޕަރުވީން އާއި ކެރަމް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުބީންވެސް ބައިވެރިވެ ވަޑައިންނެވި އެވެ.

މި މުބާރާތުގައި މި ފަހަރު ތިން ޑިވިޝަނެއްގެ މުޅިއެކު 12 އިވެންޓެއް ކުރިއަށް ގެންގޮސްފައި ވާއިރު، އޭގެ ތެރޭގައި ޕްރިމިއާ ޑިވިޝަންގެ ހަ އިވެންޓަކާއި، ދެވަނަ ޑިވިޝަންގެ ދެ އިވެންޓުގެ އިތުރުން ޖޫނިއާ ޑިވިޝަންގެ ހަތަރު އިވެންޓެއް ހިމެނެއެވެ.

މި މުބާރާތުގައި ފުރަތަމަ ކުރިއަށް ގެންދިޔަ ޕްރިމިއާ ޑިވިޝަންގެ ޓީމް އިވެންޓުގެ އެއްވަނަ ފިރިހެން އަދި އަންހެން ޓީމަކަށްވެސް ހޮވިފައި ވަނީ އޯސަމް ކެރަމް ކްލަބެވެ. ޕްރިމިއާ ޑިވިޝަންގެ އެހެން އިވެންޓުތަކަށް ބަލާލާއިރު، މި ޑިވިޝަންގެ އަންހެން ސިންގަލްސް ޗެންޕިއަންކަން ކާމިޔާބު ކޮށްފައި ވަނީ އައިމިނަތު ނިފާޝާ އެވެ. މިއީ އޭނާ މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.

ޕްރިމިއާ ޑިވިޝަންގެ އަންހެން ސިންގަލްސް ޗެންޕިއަންކަން ކާމިޔާބުކުރި އައިމިނަތު ނިފާޝާއަށް މަޖުލިސް މެންބަރު ހަލީލް ތަށި ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަހުމަދު ޖުނައިދު

ޕްރިމިއާ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެންޕިއަންކަން ހޯދީ އިސްމާއީލް އަޒްމީނާއި މުހައްމަދު މުންތަސިރު އެވެ. އަދި އަންހެން ޑަބަލްސް ޗެންޕިއަންކަން ކާމިޔާބު ކުރީ ރިފްގާ މުހައްމަދު އާއި ފާތިމަތު ރަޔާން އެވެ. އަދި މި ޑިވިޝަންގެ މިކްސްޑް ޑަބަލްސް އިވެންޓު ކާމިޔާބުކުރީ މުހައްމަދު މުންތަސިރު އާއި ފާތިމަތު ރަޔާން އެވެ.

މި މުބާރާތުގައި ބޭއްވި ދެވަނަ ޑިވިޝަންގެ ދެ އިވެންޓުގެ ތެރޭން ފިރިހެން ސިންގަލްސް ޗެންޕިއަންކަން ހޯދީ ނާޒިމް ހަސަންއެވެ. އަދި މި ޑިވިޝަންގެ ފިރެހެން ޑަބަލްސް ޗެންޕިއަންކަން ހޯދީ ނާޒިމް ހަސަން އާއި އުމަރު ޒިޔާދު އެވެ.

މި މުބާރަތުގެ ޖޫނިއާ ޑިވިޝަން އިވެންޓުތަކުގެ ތެރޭން ފިރިހެން ސިންގަލްސް އިވެންޓުގެ ޗެންޕިއަންކަން ހޯދީ ހާތިމް ހަލީލް އެވެ. އަދި އަންހެން ސިންގަލްސް އިވެންޓު ކާމިޔާބު ކުރީ މިޝްފާ މުސްތަފާ އެވެ. ޖޫނިއާ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެންޕިއަންކަން ހޯދީ ހާތިމް ހަލީލް އާއި މުހައްމަދު ބިލާލް އެވެ. އަދި އަންހެން ޑަބަލްސް ޗެންޕިއަންކަން ހޯދީ އައިމިނަތު މިޝްފާ އާއި އައިޝަތު އަމްނާއެވެ.

މިމުބާރާތުގެ ގޯލްޑަން ސްލޭމްގެ މަޤާމު ހާސިލްކުރީ އިބްރާހިމް މޫސާއެވެ.