ސިވިލް ސާވިސްގެ އާ ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

އެ ގަވާއިދުގައިވާގޮތުން ސިވިލް ސާވިސްގައި ޚިދުމަތްކުރާ މުވައްޒަފުންގެ ދައުރަކީ، ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު، ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ކުރުމެއްނެތި، ސަރުކާރުން އެކަށައަޅުއްވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެ ދިނުން ކަމަށް އަލަށް އެކުލަވާލި ގަވާއިދުގައި ވެއެވެ.

ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ދައުލަތް ހިންގުމުގެ ހުރިހައި ބާރުތަކަށާއި، އާންމުންނަށް ޖަވާބުދާރީވެ އަދި އެހިނދަކު ވެރިކަން ހިންގުމާ ހަވާލުވެ އޮތް ސަރުކާރެއްގެ ސިޔާސަތު އެކަށައެޅުމުގައާއި އެ ސިޔާސަތުތަކަށް އަމަލީ ސިފަ ގެނައުމުގައި ސިވިލް ސާވިސްގެ މުވައްޒަފުން އިޚްލާސްތެރިކަމާއެކު އެހީތެރިވެދޭން ވާނެކަމަށް ވެސް އެ ގަވާއިދުގައިވެއެވެ.

ސިޔާސީ ގޮތުން އައްޔަން ކުރެވޭ ފަރާތްތަކާއި އިންތިޚާބު ކުރެވޭ ކައުންސިލްތައް ހިމެނޭގޮތަށް ކޮންމެ މުވައްޒަފަކު ވެސް އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އިދާރާއެއްގެ އެންމެ އިސްފަރާތްތަކަށާއި އެ އިދާރާއެއްގައި ސިވިލް ސާވިސް ތަމްސީލު ކުރާ އެންމެ އިސް ވެރިޔާއަށާއި އެ މުވައްޒަފަކު ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.

އެ ގަވާއިދުގައި ވަނީ، ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއް ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުކަމެއް ކުރާނަމަ ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިއްޖެނަމަ އެ އޮފީހެއްގެ ޕާމަނަންޓް ސެކްރެޓަރީއަށް ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް އެކަމެއް އަންގަން ވާނެ ކަމަށެވެ.

ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހުން ނުވަތަ އެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު އިސްވެރިޔާ އަމަލު ކޮށްފައި ވަނީ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް ކަމަށް އެ މުވައްޒަފެއް ދެކޭ ނަމަ ނުވަތަ އެ މުވައްޒަފާ މެދު އަމަލު ކުރެވިފައި ވަނީ، ބޭއިންސާފުން ކަމަށް އެ މުވައްޒަފެއް ދެކޭ ނަމަ އެކަން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި އިލްތިމާސް ކުރުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްމެ ލިބިގެންވާ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ. އަދި އެ ކޮމިޝަނުން ނިންމާ ނިންމުމަކާ މެދު މުވައްޒަފެއް ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައެއް ވަޒީފާއާބެހޭ ޓްރިބިއުނަލަށް ނުވަތަ ޝަރުއީ ކޯޓަކަށް ހުށަހެޅުމުގެ ހައްގު ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކަށްމެ ލިބިގެންވާ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.

އޮފީހުގެ މުދަލަކަށް ނުވަތަ މަސައްކަތުގެ ބާވަތުން މުވައްޒަފަކާ ހަވާލު ކުރެވިފައިވާ މުދަލަކަށް މުވައްޒަފު ގަސްތުގައި ކުރާ ނުވަތަ އިހުމާލުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އޮފީހަށް ނުވަތަ އޮފީހުގެ މުދަލަށް ލިބުނު ގެއްލުމަށް ބަދަލު ނެގުމުގެ ގޮތުން އެ ގެއްލުން އަގުކޮށް، އެ ގެއްލުމަށް ޖެހޭ އަގު މުވައްޒަފުގެ އަތުން ނެގޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.