31 Jan 2011, 12:03
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސިއްކަ އާކޮށްފި އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ، ޖެނުއަރީ 27، 2011 އިން ފެށިގެން އޭސީސީން ބޭނުންކުރަމުން ދަނީ އާ ސިއްކައެއް ނުވަތަ ލޯގޯ އެއް ކަމަށެވެ. އަދި ކުރިން ބޭނުންކުރަމުންދިޔަ ލޯގޯ ބަދަލުކުރީ، އެ ލޯގޯ ކޮމްޕްލިކޭޓް ނުވަތަ އުނދަގޫވުމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޮޑަށް ލޮގޯ މި ބަދަލުކޮށްލީ، މިހާތަނަށް އަޅުގަނޑުމެން ބޭނުންކުރަމުންދިޔަ ލޯގޯއަކީ ތަންކޮޅެއް ކޮންޕްލިކޭޓެޑްކޮށް އިންނަ ލޯގޯއަކަށްވެފައި، އެއަށް ވުރެ އާދައިގެ އަދި އަޅުގަނޑުމެންކުރަމުންދާ މަސައްކަތާ ގުޅޭ ގޮތް ދައްކައިދޭނެ ލޯގޯ އެއް ތައްޔާރުކުރުމުގެ ގޮތުން،" މުއައްވިޒު ވިދާޅުވި އެވެ.
ދެއަތްތިލައިގެ މެދުން ދައުލަތުގެ ނިޝާން ލާފައިވާ ގޮތަށް އިންނަ މި ލޯގޯ ރަމްޒުކޮށްދެނީ ލޮލެއް ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
"މީގައި އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި މި ރަމްޒުކޮށްދެނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ އެންމެހާ އަމަލުތަކަށް ކޮމިޝަނުން ފާރަވެރިވާނެ ކަމަށް. އަދި ލޮލުގެ ކަޅީގައި މިވާ ދައުލަތުގެ ނިޝާން އެ ރަމްޒުކޮށްދެނީ ދިވެހި ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ގޮތުގައި ކޮމިޝަން މަސައްކަތްކުރާނެކަން،"
ދައުލަތުގެ ނިޝާނުގެ ވާތްފަރާތުގައިވާ އަތްތިލައިގެ ކުލަ އަކީ ރަތްކުލަ އެވެ. އަނެއް އަތުގައި ހުންނަނީ ފެހި ކުލަ އެވެ. އަދި ދައުލަތުގެ ނިޝާނުގެ ވަށާ ދަމާފައިވާ ވަތް ބުރު އިންނަނީ ކަޅު ކުލައިންނެވެ.