01 Dec 2014, 20:56
މައިލޯ ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕް އަންހެން ޑިވިޝަންގެ ފައިނަލްގައި ބ. ގޮއިދޫ ސްކޫލާ ވާދަކޮށް ދެ ޕޮއިންޓުގެ ހަނި ތަފާތަކުން މޮޅުވެ ޔޫތު ސްޕޯޓްސް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ވާދަވެރި ފައިނަލް މެޗުގެ މެޗުގައި ކޮންމެ ޓީމަކުން ވެސް ދެ ސެޓް ކާމިޔާބުކުރުުމުން ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓް ގޮއިދޫ ޓީމަށް ގެއްލުނީ އެންމެ ދެ ޕޮއިންޓުގެ ތަފާތުންނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވީ ޔޫތު ސްޕޯޓްސްގެ އައިމިނަތު އަރީޝާ އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ގޮއިދޫ ޓީމު ފާތިމަތު ޖޫޒާން އެވެ. މުބާރާތުގެ ރަނރަޕްގެ އިތުރުން ފެއާ ޕްލޭ ޓީމަކަށް ހޮވުނީވެސް ގޮއިދޫ ސްކޫލެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ، ޔޫތު ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ފައިސަލް އެވެ.
އަންހެން ޑިވިޝަންގައި ބައިވެރިވީ، ޔޫތު ސްޕޯޓްސް ކްލަބާއި އައިލެންޑް އޯޝަން ކްލަބާއި ބ. ގޮއިދޫ ސްކޫލާއި ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ޕޮލިސް ކްލަބެވެ.
މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން ޑިވިޝަންގެ ފަސް ޓީމާއި ފިރިހެން ޑިވިޝަންގެ ފަސް ޓީމެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވީ، ޕޮލިސް ކްލަބާއި ގެމަނަފުށި ސްޕޯޓްސް ކްލަބާއި ފޮނަދޫ އެކުވެރިންގެ ގުޅުމާއި ކެޔޮދޫ ރަށްވެހި ކްލަބް އަދި ކްލަބް ހާފް ލައިން ލިންކޭޖެވެ.
ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ވ. ފެލިދޫ ޒުވާން އެކުވެރިންގެ ދިރުމެވެ.