ތެހެރާން (ޑިސެމްބަރު 1): އީރާނުގެ ސިފައިންގެ ލަޝްކަރުތައް އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ދުޝްމަނުންނާ ކުރިމަތިލެވޭފަދަ ބާރުގަދަ ހާލަތެއްގައި އަބަދުވެސް ތިބުމަށް އެގައުމުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ގޮވާލައްވައިފި އެވެ.

އީރާނުގެ ކަނޑުގެ ސިފައިން ފާހަގަކުރާ "އަސްކަރީ ހަފްތާ"ގެ މުނާސަބާގައި ވާހަކަ ދައްކަވަމުން ޚަމަނާއި ވިދާޅުވީ، އީރާނުން އެހެން ގައުމުތަކާއެކު ޑިޕްލޮމެޓިކް ޙަރަކާތްތަކެއް ކުރިޔަށްގެންދިޔަ ނަމަވެސް ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށާއި ހަނގުރާމައިގެ ގާބިލްކަން އިތުރުކުރުމަށް އީރާނުން ކުރާ މަސައްކަތްތައް ކުޑަކޮށްވެސް މަޑުޖައްސާލައިގެން ނުވާނެ ކަމުގައެވެ. މިއީ އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި އެގައުމާއި ހުޅަނގުގެ ބާރުތަކާދެމެދު ދެކެވެމުންދާ ވާހަކަތަކަށް ކުރެއްވި އިޝާރާތެއް ކަމަށް މުރާސިލުން ބުނެއެވެ.

ޚަމަނާއި ވިދާޅުވީ، އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދުޝްމަނުން ބާރުގަދަ ކުރަމުން ގެންދާކަމަށާއި އެކަމަށް އީރާން އަބަދުވެސް ހޭލައި އޮންނަންޖެހޭ ކަމުގައެވެ. އީރާނުގެ ލީޑަރުން ދުޝްމަނުންގެ ގޮތުގައި ސިފަކުރައްވަމުން ގެންދަވަނީ އެގައުމާ ދުޝްމަންކަން އެންމެ ބޮޑަށް ގެންގުޅޭ އެމެރިކާއާއި އިސްރާއީލާ އަދި އިނގިރޭސިވިލާތަށެވެ. މީގެތެރެއިން އިނގިރޭސިވިލާތާއި އީރާނާދެމެދު މިއަހަރުތެރޭގައި ވަނީ އަލުން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކޮށް ގުޅުންތައް ރަނގަނޅުކޮށްފައެވެ.

އަދި އެމެރިކާއާއި އީރާނާ ދެމެދު އޮންނަ ހަތުރުވެރިކަން ވެސް ކުރިއަށްވުރެ ތަންކޮޅެއް ކުޑަވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. މިގޮތުން އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި އެގައުމާއި ހުޅަނގުގެ ބާރުތަކާދެމެދު ދެކެވެމުންދާ ވާހަކަތަކުގައި އެތަށްފަހަރެއްގެ މަތިން ދެގައުމުގެ ޚާރިޖީ ވަޒީރުން ވަނީ ބައްދަލުކުރައްވާފައެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އޮންނަހާ ހިނދަކު އީރާނާއި އިސްރާއީލުގެ ގުޅުންތައް ރަނގަނޅުވާނެ ކަމަށް ނުބެލެވެއެވެ. އަދި އީރާނާއި ހުޅަނގުގެ ބާރުތަކާދެމެދު ވާހަކަތައް ދެކެވެމުން ދާއިރުވެސް އީރާނުގެ ނިއުކްލިޔަރ ސައިޓްތަކަށް ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިސްރާއީލުން ދެމުންގެންދެއެވެ. (ރޮއިޓާސް)