01 Dec 2014, 18:36
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ގޮނޑިއަކަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓު އެއްވަރުވެ، އަނެއްކާވެސް ވޯޓުލާން ޖެހިއްޖެ އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓު އެއްވަރުވި ފަސް ކެންޑިޑޭޓުންގެ ނަން ވޯޓު ކަރުދާހުގައި އޮތް ނަމަވެސް، މިއަދު ވޯޓު އެއްވަރުވި ދެ ކެންޑިޑޭޓުން ފިޔަވައި އަނެއް ތިން ކެނޑިޑޭޓުން ވަނީ އިންތިހާބުގެ ކުރިން އެބޭފުޅުންގެ ނަން އަނބުރާ ގެންގޮސްފައެވެ.
ނަން އަނބުރާ ގެންދިޔައީ ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ވާދަކުރެއްވި ޙަސަން ޒިޔާއު އާއި، ސަން ޓީވީގެ ފަރާތުން ވާދަކުރެއްވި އަހުމަދު މުޖްތަބާ އާއި، ވީއެފްއެމްގެ ފަރާތުން ވާދަކުރެއްވި އިމާދު ލަތީފެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި އިންތިހާބުގައި ވޯޓު އެއްވަރުވީ "ސަން" އޮންލައިންގެ ހުސައިން ހަސަން އާއި ވީ މީޑިއާގެ އަހުމަދު ރިފާއު އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވެސް ލިބިވަޑައިގެންނެވީ 25 ވޯޓެވެ.
ފަނަރަ މެމްބަރުން ތިއްބަވާ މީޑިއާ ކައުންސިލަށް އިންތިހާބުގައި އެ ދެ ބޭފުޅުން ވާދަ ކުރައްވަނީ އެންމެ ގޮނޑިއަކަށެވެ. އެއީ މީޑިއާތަކަށް ހާއްސަކޮށްފައިވާ އެމްއެމްސީގެ އަށް ގޮނޑީގެ ތެރެއިން ގޮނޑިއަކަށެވެ.
ހޯމް މިނިސްޓްރީން ބުނީ، މިއަދު ބޭއްވި އިންތިހާބުގައި ވޯޓު އެއްވަރުވި ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓުލުން އަލުން ބާއްވަނީ އަންނަ ބުދަ ދުވަހު ކަމަށެވެ. މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލެވެނީ މީޑީއާތަކުން އެކަންޏެވެ. އެގޮތުން މީޑިއާ ކައުންސިލްގެ ތިން ވަނަ ދައުރަށް އިންތިހާބު ކުރާ މެމްބަރުނަށް ވޯޓު ދިނުމަށް 62 މީޑިއާއަކުން ރަޖިސްޓްރީކޮށްފައިވެ އެވެ.