އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ މަގާމް ހޯދަން މެންޗެސްޓާ ސިޓީއަށް ޗެލްސީއާ ވާދަ ކުރެވިދާނެ ކަމަށާއި، ރޭގެ ކާމިޔާބީން އެކަން ފެނިގެން ގޮސްފައި ވާނެކަމަށް ސިޓީގެ ކޯޗް މެނުއެލް ޕެލެގްރިނީ ބުނެފި އެވެ.

ރޭ ކުޅުނު މެޗުގައި ސިޓީ ބައްދަލުކޮށްފައި ވަނީ ތާވަލްގެ ދެވަނައިގައި އޮތް ސައުތޭމްޕްޓަން އާއެވެ. ސިޓީ މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވާއިރު، މުޅިއެކު 27 ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލްގައި ސައުތޭމްޕްޓަނަށް ވުރެ ކުރިއަށް ޖެހި، ތާވަލްގެ ދެވަނަ މަގާމް ހޯދާފައެވެ. ލީގު ތާވަލްގެ އެންމެ ކުރީގައި އޮތް ޗެލްސީ މިހާތަނަށް މުޅިއެކު 33 ޕޮއިންޓު ހޯދާފައި ވެއެވެ.

ރޭގެ ކުޅުނު މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޕެލެގްރިނީ ބުނީ ފުޓްބޯޅައަކީ ގިނަ ބަދަލުތަކެއް ފެނިގެންދާ ކުޅިވަރެއް ކަމަށާއި، ޗެލްސީގެ ކުޅުން މިހާރު ވަރަށް ރަނގަޅު ކަމުގައި ވިޔަސް މުސްތަގުބަލުގައި ވާނެގޮތެއް އެކަކަށްވެސް ނޭންގޭނެ ކަމަށެވެ.

"ކުރިއަށް އަދި 25 މެޗު ކުޅެން އެބޮތް. ފުޓްބޯޅައިގައި އެންމެ ހަފްތާއެއްގެ ތެރޭވެސް ތާވަލްގައި މަގާމު ބަދަލު ކޮށްލެވިދާނެ. ޓީމަށް ފާޑު ކިޔޭނެ ފަދަ ބައެއް ކަންކަން މިފަހަރުގެ ސީޒަންގައި ޓީމްގެ ފަރާތުން ފެނިގެން ގޮސްފި. އެކަމަކު ޓީމް މިހާރު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި. ޓީމްގެ ކުޅުންތެރިން ތިބީ ކާމިޔާބީތަކެއް ހޯދަން އަޒުމު ކަނޑައަޅައިގެން،" ޕެލެގްރިނީ ބުންޏެވެ.

މީގެ އިތުރުން ޕެލެގްރިނީ ވަނީ ރޭގެ މެޗުގެ 9 ވަނަ މިނެޓުގައި ސިޓީގެ ސާޖިއޯ އަގުއެރޯއަށް ރީނދޫ ކާޑު ދެއްކުމުން ރެފްރީގެ މި ނިންމުމާމެދު ހިންހަމަނުޖެހުން ފާޅުކޮށްފައެވެ. އަގުއޭރޯއަށް ރީނދޫ ކަޑެއް ދައްކާފައި ވަނީ ސައުތޭމްޕްޓަންގެ ޕެނަލްޓީ އޭރިއާ ތެރޭން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އެޓީމްގެ ފޮންޓޭ އޭނާ ވައްޓާލުމުން، ރެފްރީ އޭނާ ޑައިވް ކުރީކަމަށް ނިންމާފައެވެ.

"ސާޖިއޯ އަކީ ޑައިވް ކުރާ ކުޅުންތެރިއެއް ނޫން. ފޮންޓޭ ސާޖިއޯއަށް ކުރި ފައުލަކީ ޕެނަލްޓީ ދޭވަރުގެ ފައުލެއް، އެކަމު މެޗުގެ ރެފްރީއަކީ އަހަންނެއް ނޫން. ނަމަވެސް ރެފްރީއަކީވެސް އިންސާނެއް، އޭނާއަށްވެސް ކުށް ކުރެވޭނެ. މި މެޗު އެއްވަރު ވިނަމަ މިކަމާ ބެހޭގޮތުން އެންމެންވެސް ވާހަކަ ދައްކާވަރު އިތުރުވާނެ،" އޭނާ ބުންޏެވެ.