01 Dec 2014, 18:02
ލިވަޕޫލްގެ ކެޕްޓަންގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން އަދާ ކުރި ސްޓީވަން ޖެރާޑަށް އެ ކްލަބުން އާ ކޮންޓްރެކްޓެއް ހުށައަޅައިފިކަމަށް އެ ޓީމްގެ ކޯޗް ބްރެންޑަން ރޮޖާސް ބުނެފި އެވެ.
ލިވަޕޫލުން ޖެރާޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ މެދުތެރޭ ހަމަވާއިރު، ރޮޖާސް ބުނީ މިހާރު އޭނާއަށް އާ ކޮންޓްރެކްޓެއް ހުށަހަޅާފައި ވާކަމަށާއި، އެ ކޮންޓްރެކްޓާމެދު ވިސްނަން ކްލަބުން އޭނާއަށް ފުރުސަތު ދީފައި ވާކަމަށެވެ.
"ޖެރާޑްގެ ކޮންޓްރެކްޓް އާ ކުރުމުގައި އަގަކީ ބޮޑު އިޝޫއެއް ނޫން. މިއީ އޭނާއަށް ވަރަށް ބޮޑު ނިންމުމެއް. ދެން ތިމާ ކުޅެދޭނީ ކޮން ކްލަބަކަށް ކަން ނިންމުމަކީ ވިސްނާފަ ކުރަން ޖެހޭ ކަމެއް،" ރޮޖާސް ބުންޏެވެ.
މިފަހަރުގެ ކޮންޓްރެކްޓް ހަމަވުމުން ކޮންޓްރެކްޓް އާ ނުކޮށްދީފިނަމަ އެހެން ކްލަބަކަށް ބަދުލުވާނެ ކަމުގެ އިޝާރާތްތަކެއް ކޮށްފައިވާ ޖެރާޑް އާއި ލިވަޕޫލްގެ ކޯޗް ރޮޖާސް އާއި ދެމެދު މައްސަލަތަކެއް ދިމާވެފައި ވާކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ. މިވާހަކަތައް ރޮޖާސް ދޮގުކޮށްފައި ވާއިރު، އޭނާ ބުނީ ޖެރާޑާއެކު އޭނާ މަސައްކަތް ކުރަނީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި، ޖެރާޑަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށެވެ.
"ޖެރާޑް އަކީ މި ކްލަބަށް ކިހާ ވަރެއްގެ ކުޅުންތެރިއެއްކަން ކްލަބުގެ އެކަކަށްވެސް އޮޅިފައެއް ނޯންނާނެ. އޭނާގެ ހުނަރަކީ ކޮންމެ ދުވަހަކުވެސް އަހަންނަށް ފާހަގަވާ ކަމެއް. އެ ހުނަރު އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އަހަރެން އަބަދުވެސް ވިސްނަން،" ރޮޖާސް ބުންޏެވެ.
މި ސީޒަންގައި އަދި މިހާތަނަށް ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވާ ލިވަޕޫލްގެ ކޯޗް ރޮޖާސްއަށް މިކަމުގެ ސަބަބުން ވަނީ ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އަނެއްކޮޅުން ޖެރާޑް ވަނީ މި ސީޒަން ނިމުމުން އޭނާ ފުޓްބޯޅަ ކުޅުން ހުއްޓައިނުލާނެ ކަމަށާއި، ލިވަޕޫލާއި މެދު ވެފައިވާ ކޮންޓްރެކްޓް އާ ކުރުމަކީ އެ ކްލަބުގެ ކަމެއް ކަމަށް ބުނެފައެވެ.
މިފަހަރުގެ ސީޒަންގައި ލިވަޕޫލް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 13 މެޗުގެ ތެރޭން އެ ޓީމަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ފަސް މެޗެވެ. އަދި ޗެންޕިއަންސް ލީގުގައި ދެވަނަ ބުރަށް އެ ޓީމް ދިޔުމުގެ ފުރުސަތު އަދިވެސް އޮތް އިރު، މިފަހަރުގެ ލީގުގައި ކުޅުނު ފަސް މެޗުގެ ތެރޭން އެ ޓީމް ވަނީ ތިން މެޗުން ބަލިވެފައެވެ.