01 Dec 2014, 17:07
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން ދާއިރު ރާއްޖޭގެ އެއާޕޯޓު އިތުރަށް ތަރައްގީ ނުކޮށް ވާކަށް ނެތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްސްއާ ދެމެދު މިއަދު ކުރެވުނު ކޮންސަލްޓަންސީ އެއްބަސްވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވީ އެއާޕޯޓްގައި ދެވަނަ ރަންވޭއެއް ނެތުމުން ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. ހަމައެއާކު ޓާމިނަލް ބިލްޑިންގް ވެސް ކުޑަ ކަމަށާއި އެރައިވަލްގެ ޖާގަވެސް އެހާމެ ދަތި ކަމަށް ސަލީމް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެން ރާއްޖޭގެ ޓޫރިޒަމް މިދާ މިސްރާބުން އަޅުގަނޑުމެންނަށް އިތުރު އިންވެސްޓްމަންޓެއް ނުކޮށް ކުރިއަށް ނުދެވޭ ހިސާބެއްގައި އޮތީ. ފުރަތަމަ ކަމަކީ، ދެވަނަ ރަންވޭއެއް ނެތްކަން. ދެވަނައަށް ޓާމިނަލް ބިލްޑިންގ ކުޑަކަމާއި، އެރައިވަލްސްއަށް ޖާގަ ނެތްކަން. ތިން ވަނަ އޮތް ކަމަކީ ޑޮމެސްޓިކް ރާއްޖެތެރެއަށްދާ ފްލައިޓްތައް އިތުރުވުން. މިއިން ކޮންމެ ކަމަކީވެސް ރަންވޭއަށް ބާރު އަރާ ކަމެއް،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މިހާރު ހުރި ދަތިތަކުގެ ސަބަބުން ސަރުކާރުން ނިންމާފައި ވަނީ އިތުރު ރަންވޭއެއް އެޅުމަށް ކަމަށެވެ. ސަލީމް ވިދާޅުވީ ދެން އަޅާ ރަންވޭއަކީ ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނާނެ ރަންވޭއެއް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ދާނީ ކޯޑް އޭގެ ރަންވޭއަކަށް. މިހާރު މިއޮތް ރަންވޭއަކީ ކޯޑް ސީގެ ރަންވޭއެއް. އަލަށް އަޅާ ރަންވޭ ދާނީ މިހާރު އޮތް ރަންވޭގެ އިރުމައްޗަށް. މިހާރު އޮތް ރަންވޭ އޭރުންވާނީ ޓެކްސީވޭ އަކަށް. އޭރު ބޯޓު ޖައްސާފައި އެތަނުން ވަދެގެން ޓާމިނަލް ބިލްޑިންގ އަށް ވަންނާނީ،" ސަލީމް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ މީގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އެހެން ބައެއްގެ އަތަށް "އެއްކޮށް ދޫކޮށްލުމުން" ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށެވެ. އަދި އެއާޕޯޓު ބަޔަކަށް ކުއްޔަށް ދިންއިރު ކަންތައްތައް ކުރި ގޮތުން ސަރުކާރު އަތުން އެއާޕޯޓުގެ ބާރު އެއްކޮށް ގެއްލުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.