01 Dec 2014, 16:02
މާލިއްޔަތު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓު ފާސްކުރުމުގެ ބޭނުން ހިނގައްޖެ ކަމަށް ހިންވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާ ކުރުމަށްފަހު އިގްތިސާދީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ މާލިއްޔަތު ގާނޫނުގެ 34 ވަނަ މާއްދާގެ (ށ) އުވާލުމަށް ސަރުކާރުން ހުށަހެޅުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އިބޫ ވިދާޅުވީ އެ މާއްދާ އުވާލައިފި ނަމަ ބަޖެޓު އޮންނާނީ ނަމަކަށް ކަމަށެވެ.
"ބަޖެޓުގައި ކޮންމެ އަދަދެއް ޖަހާ ކޮންމެ ކަމެއް ކުރަން ފާސްކުރި ނަމަވެސް ފިނޭންސް މިނިސްޓަރު އެގޮތަށް އަމަލުކުރާކަށް ނުޖެހޭ،" އިބޫ ވިދާޅުވި އެވެ.
މާލިއްޔަތު ގާނޫނުގެ 34 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ވަކި މާލީ އަހަރަކާއި ގުޅިގެން ފާސްކޮށްފައިވާ ބަޖެޓުން ހުއްދަ ކޮށްފައިވާ ފައިސާއިން ޚަރަދު ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެހެންނަމަވެސް މި މާއްދާ އުވާލުމަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފައި އެވެ. އިބޫ ވިދާޅުވީ ކިތަންމެ ބޮޑު ބަޖެޓެއް ފާސްކުރި ނަމަވެސް ބަޖެޓުގައި ހިމަނާފައިވާ އަދަދުގައި ހިފަހައްޓައިގެން ދައުލަތުންވެސް އަދި ފިނޭންސް މިނިސްޓަރުވެސް ޚަރަދުކުރައްވާކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އެ ރިޕޯޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހުއްޓުވާލުމަކީ އެންމެ އެދިވިގެންވާނެ ގޮތެއް ނޫން ކަމަށެވެ. ޖަމީލް ވިދާޅުވީ އެގޮތަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތައް މަޖިލީހުގެ މުށުތެރެއަށް ލައިފިނަމަ ރައްޔިތުންނަށް ލިބިދޭންޖެހޭ ގިނަ ޚިދުމަތްތަކެއް ހުއްޓިގެން ދާނެ ކަމަށެވެ.

ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ބިލް ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 66 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ އަޣުލަބިއްޔަތު ލިބުނީ އެ ބިލް ފާސް ކުރުމަށެވެ. އެ ބިލް ފާސް ކުރުމާ ދެކޮޅަށް 25 މެމްބަރުން ވޯޓު ދެއްވި އެވެ.