މާލޭ ގެއެއްގެ ބަދިގެތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އުމުރުން 39 އަހަރުގެ މީހަކު މަސްތުވާތަކެއްޗާއެކު މާލޭގެ ގެއަކުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެއިކޮން ގެއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެ ބަލައިފާސްކުރިއިރު އެގޭގެ ބަދިގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒްގެ ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ. މީގެއިތުރުން އެގެއިން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ހުސް ރަބަރު ޕެކެޓްތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އެ އޮޕަރޭޝަނަކީ ފުލުހުންގެ މިއަހަރުގެ ބިޒްނަސް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރެއިން ކުށްމަދުކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޓެރަރިޒަމާއި އިންސާނުން ޓްރެފިކް ކުރުން ފަދަ ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ދެކޮޅަށް ހަރަކާތްތެރިވުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.