ހިޔާނާތަށް މަގުފަހިވާ ކަންތައްތަކެއް އެކުލެވޭ ކަމަށް ބުނެ އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އެންގުމުން މޭލޭޝިޔާގެ ނެކްސް ބިޒް ކުންފުންޏަށް ގެއްލުން ލިބިފައިވާ ކަމަށް ބުނެ ބަދަލު ހޯދުމަށް ކޯޓަށް ދާން ތައްޔާރު ވެއްޖެ އެވެ.

ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަމަށް ބުނެ ނެކްސް ބިޒް އިން އާންމު ކުރި ބަޔާނެއްގައި ބުނަނީ އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓް ނެކްސް ބިޒްއާއި ހަވާލުކުރުމުގައި ހިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް ހިމެނޭކަމަށް މީޑިޔާގައި ފެތުރިފައިވާ އަޑުތަކާއި ގުޅިގެން ކުންފުންޏަށް ގެއްލުން ވެފައިވާ ކަމަށެވެ.

އަދި ބުނަނީ ނެކްސް ބިޒްއިން ރާއްޖޭގައި ގާއިމްކުރާ ބޯޑާ ކޮންޓްރޯލްގެ ޕުރޮޖެކްޓް ކާމިޔާބު ކޮށްފައިވަނީ ބައިނަލްއަގުވާމީ ޓެންޓަރެއްގައި ބައިވެރިވެގެން ކަމަށާއި އެގްރިމަންޓާއި ބިޑްގެ އެންމެ ފަހުގެ އިވެލުއޭޝަންތައް ވެސް ކުރިއަށް ދިޔައީ ފިނޭސް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ކުންފުންޏާއި މެދު ކުރެވުނު ކޮރަޕްޝަންގެ ތުހުމަތު ތަކުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ވަކި ފަރާތްތަކާއި މުއައްސަސާތަކާއި ދެކޮޅަށް ދައުވާކުރުމަށް މިހާރު ހެކިލިބިފައި ވާކަމަށް ވެސް ބަޔާނުގައި ވެއެވެ. އެ ކުންފުނިން ކުރި އިންވެސްޓްމަންޓެއްގެ ބަދަލުގައި އެ ކުންފުނީގެ ނަން ހުތުރު ވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.

ނެކްސް ބިޒުން އިން ދައުވާ ކުރަނީ ރާއްޖޭގައި ކަމެއް މެލޭޝިޔާގައި ކަމެއް އަދި ބަދަލުގެ ގޮތުގައި ހޯދަން އެދެނީ ކިހާ ފައިސާއެއް ކަމެއް އެ ކުންފުނީގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

"ނެކްޒް ބިޒްގެ ލޯޔަރުން މިހާރުވަނީ ކުންފުންޏަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބުނު ގެއްލުން ތަކުގެ ބަދަލު ހޯދުމަށް ކޯޓައް މައްސަލަ ވެއްދުމަށް ތައްޔާރުވެފަ އެވެ. މި ކުންފުންޏަށް ގެއްލުން ލިބޭގޮތަށް އަމަލުކޮށްފައިވާ ބައެއް މީހުންނާއި ފަރާތްތަކުގެ މައްޗަށް، ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރާނަމެވެ،" ނެކްޒް ބިޒުގެ ބަޔާނުގައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ޕްރޮޖެކްޓް ހުއްޓާލުމަށް އެ ކޮމިޝަނުން އިމިގްރޭޝަނަށް އަމުރުކޮށްފަ އެވެ. އަދި މިދިއަ އަންގާރަ ދުވަހު ރައީސް ނަޝީދުގެ އެންގެވުމާ އެއްގޮތަށް ޕްރޮޖެކްޓް ހުއްޓާލިކަން ވެސް އިމިގްރޭޝަނުން ވަނީ އިއުލާންކޮށްފަ އެވެ.

އެހެންނަމަވެސް ވިޔަފާރީގެ ހަބަރުތަށް ގެނެސްދޭ އޮންލައިން ނޫސް "ސީފޯ ވޯލްޑް" ގައި ނެކްސް ބިޒްއާ ހަވާލާދީ ލިޔެފައިވަނީ އެކުންފުނިން ރާއްޖޭގައި ގާއިމް ކުރުމަށް މަސައްކަތް ކުރާ އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް އަންގާފައި ނުވާކަމަށެވެ.

ނެކްޒް ބިޒްއިން އެ ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނި ފަދަ ބޮޑު ކުންފުންޏެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ތަކެއް ކޮށްފައިވަނީ ސިޔާސީ މަގުސަދުތަކެއްގައި ކަމަށެވެ. އަދި އެކުންފުނީގެ މަސައްކަތައް ހުރަސް އަޅައި ހުއްޓާލުމަކީ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އައުމަށް އެޅިގެން ދާނެ ހުރަހެއް ކަމަށް އެ ބަޔާނުގައި ނެކްސްބިޒް އިން ވަނީ ފާހަގަކޮށްފަ އެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައާ ގުޅިގެން ނެކްސް ބިޒްގެ ހިއްސާގެ އަގު މިދިޔަ ބުރާސްފަތި ދުވަހު މާކެޓްގައި ވަނީ 0.09 ޑޮލަރަށް ދަށަށް ގޮސްފަ އެވެ. މީގެ ކުރިން ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލަ ފުރަތަމަ ފެންމަތިިވި ދުވަސްވަރުވެސް އެކުންފުނީގެ ހިއްސާގެ އަގު ވެއްޓުނެވެ.