އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަނުން އިންތިޒާމް ކޮށްގެން ޕާކިސްތާނުގެ ފައިސަލްއާބާދުގައި ބާއްވާ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަންގެ ތައްޓަށް ވާދަކުރާ މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ގައުމީ ހޭންޑްބޯލް ފިރެހެން ޓީމް މިއަދު ފުރައިފިއެވެ.

މިމަހުގެ ތިން ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ހޭންޑްބޯލް ޓީމް މިއަދު މެންދުރު ފުރާފައި ވާއިރު، ޓީމް ފުރުމުގެ ކުރިން ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ޓީމްގެ ކޯޗް މުހައްމަދު ޝާން ބުނީ ޓީމް އެންބުރި އަންނާނީ ރާއްޖެ ފަޚުރުވެރި ވާފަދަ ކާމިޔާބީއަކާއެކު ކަމަށެވެ. އަދި ޓީމަށް ރާއްޖޭގެ ސަޕޯޓަރުންގެ ފަރާތުން ރަނގަޅު ސަޕޯޓެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.

ގައުމީ ހޭންޑްބޯލް ޓީމުގެ ކޯޗު މުހައްމަދު ޝާން މީޑިއާއަށް އިންޓަވިއު ދެނީ---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"އަޅުގަނޑުމެންގެ އަޒުމަކީ މުބާރާތް ކާމިޔާބު ކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެނބުރި އަންނާނީ ދިވެހި ގައުމު ފަޚުރުވެރި ވާފަދަ ވަރުގަދަ ވަނައެއް ހިފައިން. އަޅުގަނޑުމެން އުންމީދު ކުރަނީ 12 ވަނަ ކުޅުންތެރިޔާ އަޅުގަނޑުމެނާ އެކު އަބަދުވެސް ވާނެ ކަމަށް. ރާއްޖޭގެ ސަޕޯޓަރުންގެ ސަޕޯޓް އަޅުގަނޑުމެން ވަރަށް ބޭނުންވާނެ،" ޝާން ބުންޏެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވާދަކުރަން ހަމަޖެހިފައި ވަނީ އިންޑިއާ އާއެވެ. ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ އިތުރު ހަ ގައުމެއް މި މުބާރާތުގައި ވާދަ ކުރާއިރު، މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެނެވެ. މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް 'އޭ' ގައި ދެން ހިމެނޭ ޓީމްތަކަކީ އިންޑިއާ އާއި އަފްޣާނިސްތާން އަދި ޔަމަން އެވެ.

މި މުބާރާތާ ބެހޭ ގޮތުން 'ސަން' އަށް ދިން އިންޓަވިއުއެއްގައި ގައުމީ ހޭންޑްބޯލް ޓީމްގެ ކެޕްޓަން މުހައްމަދު ފިރުޝާން ބުނީ އުންމީދަކީ މި މުބާރާތް ކާމިޔާބު ކުރުން ކަމަށާއި، މި މުބާރާތަށް ހޮވިފައިވާ ޓީމާ މެދު ވަރަށް ހިންހަމަ ޖެހޭ ކަމަށެވެ.
ގައުމީ ހޭންޑްބޯލް ޓީމްގެ ކެޕްޓަން މުހައްމަދު ފިރުޝާން ސަންއަށް އިންޓަވިއު ދެނީ---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"އުންމީދަކީ މުބާރާތުން މޮޅުވުން. މި މުބާރާތަށް ހޮވިފައިވާ ޓީމަކީ އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަންނަ، އެކަކު އަނެކަކާ ވަރަށް ގުޅިގެން މަސައްކަތް ކުރާ ޓީމެއް. މުބާރާތަށް ތައްޔާރުވުމަށް ކުރި ތަމްރީނުތަކުގައި ފަރުވާތެރިކަމާއެކު ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ބައިވެރިވި. ތަމްރީނުތައް ދިޔަ ގޮތާ މެދު ވަރަށް ހިންހަމަ ޖެހޭ،" ފިރުޝާން ބުންޏެވެ.

ގައުމީ ޓީމެއްގެ ކެޕްޓަންކަން ފުރަތަމަ ފަހަރަށް އަދާކުރާ ފިރުޝާން ބުނީ އެ ޒިންމާއަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި، އެންމެ ފުރިހަމަ ގޮތުގައި ކެޕްޓަން ކަމުގެ ޒިންމާ އަދާ ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

މި މުބާރާތަށް ތައްޔާރުވުމަށް ރާއްޖެގެ ގައުމީ ހޭންޑްބޯލް ޓީމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު އިރު، އެ ޓީމަށް ދިމާވި އެންމެ ބޮޑު ދަތިކަމަކީ ތަމްރީނުތައް ކުރިއަށް ގެންދާނެ ރަނގަޅު ތަނެއް ނެތުމެވެ. ޓީމް ފުރުމުގެ ކުރިން ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ޓީމާއި ބައްދަލުކުރައްވައި ޓީމް ތަމްރީނު ކުރާނެ ތަނެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.