މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ތުހުމަތުގައި ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހުގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ދަނޑުވެރިކަމާއި މަސްވެރިކަމާއި އަދި އެކަންކަމާއި ގުޅުންހުރި ކަންތައްތައް ކުރުމަށް ގއ. ލޮނުދޫ އާއި ހއ.މުލިދޫ އާއި ނ. އޮރިމަސްވަރުއާއި ނ. ކުރަމާދޫއާއި ގދ. ކޮޑާނަހުއްޓާ މި ފަސް ރަށް 21 އަހަރަށް ކުއްޔަށް ދޫކުރުމަށް ކުރި އިއުލާނާގުޅިގެން ބޭއްވުނު ނ. ކުރަމާދޫގެ ޕްރީބިޑް މީޓިންގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަށް ބުނެ އެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭ ކުރަމާދޫ ކުއްޔަށްދިނުމަށް ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ މާލިއްޔަތު ގަވާއިދުގައިވާ އެންމެ ކުރު މުއްދަތު ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކުރި ތަހުގީގުން ފެންނަން ނެތް ކަމަށް އޭސީސީން ބުންޏެވެ.

ނަމަވެސް ކުރަމާދޫއަށް ހުށަހަޅާފައި ހުރި ޕްރޮޕޯސަލް ބަލައިގަތުމުގައި މައުލޫމާތު ކަރުދާހުގައި ބުނެފައިވާ އުސޫލުތަކާ ހިލާފަށް އެއް ޕްރޮޕޯސަލް ބަލައިގަނެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ. އަދި އެ ޕްރޮޕޯސަލް ބަލައިގަނެ ޗެކްލިސްޓްގައި ސޮއިކޮށްފައިވަނީ ޕްރޮޕޯސަލާއެކު ކުންފުނީގެ އަސާސީ ގަވާއިދު ހިމަނާފައިވާ ކަމަށާއި ކުންފުނި އުފެދުމުގެ މަގުސަދުގެ ތެރޭ ދަނޑުވެރިކަމުގެ މަސައްކަތް ހިމަނާފައިވާ ކަމަށް އަލީ ސޯލިހު ބުނުމުން ކަމަށެވެ.

އޭސީސީން ބުނީ ކުންފުނީގެ އަސާސީ ގަވާއިދު އެއީ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައެއް ކަމުގައި މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ކަމަށެވެ. އަދި އިވެލުއޭޝަން ކޮމެޓީގައި އެ ޕްރޮޕޯސަލް އިވެލުއޭޓް ކުރި ގަޑީގައި އަސާސީގަވާއިދުގެ އެކަކުން ހަތް ވަނަ މާއްދާއަށްވާ ބައި މަދުކުރަން ފާހަގަކުރެވިގެން އަލީ ސޯލިހުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އުސޫލުތަކާ ހިލާފަށް ބަލައިގަނެފައިވާ ޕްރޮޕޯސަލާއެކު ހުށަހަޅާފައިވާ ކުންފުނީގެ އަސާސީ ގަވާއިދު އެއީ ޕްރޮޕޯސަލް ހުށަހެޅިއިރު އޭގައި އޮތް ލިޔުމެއް ނޫން ކަމަށެވެ. އަދި އެ ލިޔުން ހުށަހަޅާފައި ނުވާކަން ފަހުން އެނގުމުން އެ ޕްރޮޕޯސަލް ބާތިލު ކުރުމުގެ ބަދަލުގައި ކުންފުނީގެ އަސާސީ ގަވާއިދު އެ ޕްރޮޕޯސަލްގެ ފަހުން ހިމަނާފައި ވަނީ ޕްރޮޕޯސަލް ހުށަހެޅި ފަރާތާއި އަލީ ސޯލިހު ބައްދަލު ކުރުމަށްފަހު ކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނީ ޕްރޮޕޯސަލް ބާތިލު ކުރުމުގެ ބަދަލުގައި އެ ލިޔުން ޕްރޮޕޯސަލްގައި ހިމަނާފައި ވަނީ އަލީ ސޯލިހުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ބޭނުގައި ކަމަށް ބެލެވޭތީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ކަމަށެވެ.