01 Dec 2014, 14:36
ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން މާލީއްޔަތު ގާނޫނަށް އިސްލާޙު ހުށަހަޅުއްވާފައި ވަނީ ވިލިގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނެވެ.
އޭނާ ހުށަހެޅުއްވި ބިލް ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 66 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ އަގުލަބިއްޔަތު ލިބުނީ އެ ބިލް ފާސް ކުރުމަށެވެ. އެ ބިލް ފާސް ކުރުމާ ދެކޮޅަށް 25 މެމްބަރުން ވޯޓު ދެއްވި އެވެ.
މާލީއްޔަތު ގާނުނުގެ ފަސް ވަނަ މާއްދާއަށް ސައުދު ހުށަހަޅުއްވާފައިވާ އިސްލާޙުގައި ބުނެފަައިވާ ގޮތުން ސަރުކާރުގެ ވުޒާރާއަކުން ދައުލަތުގެ ނަމުގައި ލޯނެއް ނަގާ ކަމުގައިވާނަމަ މަޖިލީހުން ރުހުން ހޯދުމުގެ ބަދަލުގައި އެކަމުގެ ހުއްދަ ހޯއްދަވަން ޖެހޭނީ މާލީ ވަޒީރުގެ އަރިހުންނެވެ.
މާލީއްޔަތު ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ލާޒިމެވެ. މާލިއްޔަތު ގާނޫނުގައި އެގޮތަށް ލާޒިމްކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭރުގެ އިދިކޮޅު ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން މަޖިލީހަށް ހުށަހެޅި އިސްލާހަކަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުންނެވެ.
ޑީއާރްޕީ އާއި ޕީއޭގެ އިތުރުން މިނިވަން މެމްބަރުންގެ އަގުބަލިއްޔަތުން މާލިއްޔަތު ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްވެ، ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ އޯގަސްޓް 26، 2010 އެވެ. އޭގެ ކުރިން މާލިއްޔަތު ގާނޫނުގެ ދަށުން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ލޯން ނަންގަވާފައި ވަނީ މަޖިލީހުގެ ހުއްދައެއް ނެތި އެވެ. ދައުލަތުން އޭރު ދަރަންޏަށް ފައިސާ ނަގަން ޖެހެނީ މާލީ ވަޒީރުގެ އަރިހުންނެވެ.