މީގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އެހެން ބައެއްގެ އަތަށް "އެއްކޮށް ދޫކޮށްލުމުން" ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކޮންސަލްޓެންސީ ސާވިސަސް ފޯރުކޮށްދިނުމަށް، ސިންގަޕޫރުގެ ޗަންގި އެއާޕޯޓުން އައިއެންއައިއޭ އާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތަކަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އަދީބު ވިދާޅުވީ މީގެ ކުރިން އެއާޕޯޓު ބަޔަކަށް ކުއްޔަށް ދިންއިރު ކަންތައްތައް ކުރި ގޮތުން ސަރުކާރު އަތުން އެއާޕޯޓުގެ ބާރު އެއްކޮށް ގެއްލުނު ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން ޗަންގި އެއާޕޯޓުގެ އެޑްވައިސް ނަގައިގެން އަޅުގަނޑުމެން މަސައްކަތް ކުރިޔަސް ފުލް ކޮންޓްރޯލް އޮންނާނީ އަޅުގަނޑުމެން އަތުގައި. ކުރީގައި ވީގޮތަކީ ކުއްޔަށް ދިންއިރު މެނޭޖްމަންޓާ ވެސް އެއްކޮށް ދޫކޮށްލީ. އަޅުގަނޑުމެން އަދިވެސް ހަނދާންކޮށްލަން ޖެހޭ ފަތުރުވެރި ކަމަށް ވަރަށް ބޮޑު އަސަރެއް ކުރި ތެލާ އަގު ކޮންޓްރޯލް ކުރުން އެމީހުނަށް ދޫކޮށްލުމުން،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ތެޔޮފަދަ ތަކެތީގެ އަގު ކޮންޓްރޯލް ކުރުން "އެމީހުންގެ އަތަށް" ދޫކޮށްލުމުން ބޭރުގެ ބޮޑެތި ބައެއް އެއާލައިން ތަކުން ރާއްޖެއަށް ދަތުރުކުރުން އެއްކޮށް ހުއްޓާލަން އޭރު އުޅުނު ކަމަށެވެ. އެހެންކަމުން އޭރު ޓޫރިޒަމް މިނިސްޓްރީގެ ނިންމުމަކަށް ވީ ޓޫރިޒަމްތޯ ނުވަތަ އެއާޕޯޓު ސަރުކާރުގެ ދަށަށް ގެންނާނީތޯ ނިންމުން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ސިންގަޕޫރުގެ ޗަންގި އެއާޕޯޓް ފަދަ އެއާޕޯޓެއްގެ ލަފާގެ ދަށުން އެބޭފުޅުންގެ އެހީގައި އައިއެންއައިއޭ ތަރައްގީކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެއީ ރައީސް ޔާމީން ވަރަށް ކައިރިން ބައްލަވައިގެން ކުރިއަށް ގެންދަވާނެ މަސައްކަތެއް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.