ލަންކާ ސަރުކާރުގައި ކަރަޕްޝަން އަށަގަނެ އަދި ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ދާކަމަށް ބުނެ ރައީސް ރާޖަޕަކްސާގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް، މައިތިރިޕާލާ ސިރިސޭނާގެ ކެމްޕޭން އިއްޔެ ލޯންޗުކޮށްފި އެވެ.

ރައީސް ރާޖަޕަކްސާގެ ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި، 63، އަހަރުގެ ސިރިސޭނާ ސަޕޯޓަރުންނާ ބައްދަލުކުރައްވައި އިއްޔެ ވިދާޅުވީ އަންނަ ޖެނުއަރީ މަހު 8 ވަނަ ދުވަހު އޮންނަ އިންތިހާބުގައި އޭނާގެ ކުރީގެ ވެރިމީހާ ބަލި ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

"އަހަރެން ސަރުކާރުން ނުކުތީ ކަރަޕަޝަން ހައްދުން ނެއްޓި، އަދި ގާނޫނީ ވެރިކަން ނޫނީ ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިގެންދާ ތަން ބަލަން ހުރުމަކީ އަހަރެންގެ ޒަމީރު ތަންދޭ ކަމަކަށް ނުވާތީ،" ސިރިސޭނާ ވިދާޅުވި އެވެ.

ސިރިސޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އެ ޕާޓީތަކުގެ ކެމްޕޭންތަކާއި ރެލީތައް ބޭއްވުމަށް އާންމު ޕާކްތައް ހުޅުވާލުމަށް ރައީސް ރާޖަޕަކްސާ އަށް ގޮވާލާ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނާ ޓާމް ލިމިޓް ނައްތާލުމަށް ފަހު ރާޖަޕަކްސާ،69، ވަނީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވައިފަ އެވެ. ތަމަޅައިން ކުރި ދިގުލީ ހަނގުރާމަ ނިންމާލައި ޓައިގަރުންގެ ލީޑަރު ޕްރަބާކަރަން މަރާލުމުން ސިންގަޅައިއިންްގެ މެދުގައި ރާޖަޕަކްސާގެ މަގުބޫލުކަން އިތުރުވި އެވެ. ނަމަވެސް ރާޖަޕަކްސާ އަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން އަންނަނީ އޭނާގެ ހުދުމުހުތާރުކަން ހައްދުން ނެއްޓިފައިވާ ކަމަށެވެ.

ސިރިސޭނާ ވަނީ ކުދި ޕާޓީތަކުގެ ތާއީދު ހޯއްދަވައިފަ އެވެ. އަދި މި ސަރަހައްދުގައި މި ވަގުތު އެންމެ ދިގު ވެރިކަމެއް ކުރައްވާ ރާޖަޕަކްސާގެ ވެރިކަމަށް އެެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނީ ވެސް އޭނާގެ ފަރާތުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ރާޖަޕަކްސާގެ ސަރުކާރުން އިސްތިއުފާ ދެއްވި ހެލްތު މިނިސްޓަރާއި ފިޝަރީޒު މިނިސްޓަރާ އެކު އެ ސަރުކާރުގެ މަތީ މަގާމުތަކުން އިސްތިއުފާ ދެއްވި ބޭފުޅުންގެ އަދަދު ވަނީ 11 އަށް އަރައިފަ އެވެ.

ރާޖަޕަކްސާގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެކޮނަމިކް ޑިވެލަޕްމަންޓް މިނިސްޓަރާ އަދި ބާރުގަދަ ޑިފެންސް މިނިސްޓަރުގެ މަގާމު އަދާ ކުރައްވަނީ ރާޖަޕަކްސާގެ އެއްބަނޑު އެއްބަފާ މީހުންނެވެ.

ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް މިނިސްޓަރު ނަވީން ޑިސެނަޔަކާ ވެސް ރާޖަޕަކްސާގެ ސަރުކާރުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ލިސްޓަށް ވަނީ އިތުރުވެފަ އެވެ. އޭނާ ވެސް ވިދާޅުވީ ރާޖަޕަކްސާގެ ސަރުކާރުގައި ދެމިހުންނެވުމަށް ވުރެ އެ ސަރުކާރުގެ ކޮރަޕްޝަންގެ ފަސާދަ ބޮޑު ކަމަށެވެ.

ރާޖަޕަކްސާ އަށް ވަނީ ބޭރުގެ ފިއްތުންތަކާ ވެސް ކުރިމަތިވެފަ އެވެ. ތަމަޅަ ހަނގުރާމަ ނިމުކަށް ގެނައި އަހަރު 40،000 އާންމުން މަރާފައިވާ ކަމަށް ބޭރުގެ ފަރާތްްތަކުން، ހާއްސަކޮށް ހުޅަނގުން ތުހުމަތު ކުރެ އެވެ.

ކުރިން ހަނޑޫ ހެއްދި ސިރިސޭނާ ވިދާޅުވީ އޭނާ އިންތިހާބު ވެއްޖެ ނަމަ ފާޓްލައިޒާ ހޯދުމަށް ދަނޑުވެރިންނަށް ސަބްސިޑީ ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމު ދަނީ ރަނގަޅު މިސްރާބަށް ނޫން ކަމަށް ރާޖަޕަކްސާ އަށް ހަ މަސް ކުރިން އިންޒާރު ދެއްވި ކަމަށެވެ. އަދި މިސްރާބު ބަދަލު ކުރުމަށް ދެންނެވި ކަމަށެވެ.

އިއްޔެގެ ރެލީގައި ވާހަކަ ދެއްކި ގިނަ މީހުން ބުނީ ރާޖަޕަކްސާގެ ސަރުކާރު ނިމުކަށް ގެންނަން ޖެހޭ ކަމަށެވެ.

މައުލޫމާތު: އޭއެފްޕީ އަދި ލަންކާގެ ނޫސްތައް