01 Dec 2014, 14:09
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ސެކިއުރިޓީ ބޭނުންވާ ފަރާތްތަކަށް ސެކިއުރިޓީ ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަުދ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ވެފައި ވަނިކޮށް މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ނެންގެވި ނިޒާމީ ނުކުތާއަށްފަހު ވާހަކަފުޅުދައްކަވަމުން މަސީހު ވިދާޅުވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނަށް ދާދިފަހުން ހަމަލާދީފައިވާތީ އެކަން އެމަނިކުފާނު ކުށްވެރި ކުރާކަމަށެވެ. ހަމައެއާއެކު މުބީނަށް ހަމަލާ ދިންކަން އެނގިވަޑައިގަތް ހިސާބުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
"އެކަމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މާދަމާއިން ފެށިގެން އިއްޒަތްތެރި މެމްބަރުންގެ ތެރެއިން އަނެއްކާވެސް ސަލާމަތީ ޚިދުމަތްތަކުން ސެކިއުރިޓީ ބޭނުންފުޅުވާ ފަރާތްތަކުން އަޅުގަނޑުމެންނަށް އަންގަވާލައްވަނިކޮށް ސެކިއުރިޓީ ލިބުމުގެ އިންތިޒާމު ހަމަޖެހި މާދަމާ އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ ކަމުގެ ޔަގީން ކަން އަޅުގަނޑަށް ވަނީ ލިބިފައި،" މަސީހު ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ޑިފެންސް މިނިސްޓަރަށާއި މަނިކުފާނަށް ސިޓީ ލިޔުނިން އަޅުގަނޑަށް ސެކިއުރިޓީ ދެއްވުމަށް އެދި. އެއީ އަޅުގަނޑަށްވެސް އެކި ކަހަލަ ތުރެޓުތައް ލިބެމުންދާތީވެ. އެހެންނަމަވެސް ދެންމެ މަނިކުފާނު ތި ވިދާޅުވީ ހަމަޖެހި ނޫނީ މާދަމާ ހަމަޖެހޭނެ ކަމަށް،" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަލާމަތީ ކަންކަން ހަމަނުޖެހުހޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ގާސިމް ވިދާޅުވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިހާނެތި ގޮތަކަށް އަވަހާރަކޮށްލާފަވާއިރު އެކި މެމްބަރުންނަށް ހަމަލާދެމުން އަންނަ ކަމަށެވެ. އެހެންކަމުން މެމްބަރުންނަށް ސެކިއުރިޓީ ދޭންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ ގާނޫނު އަސާސީން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ހުރިހާ މެމްބަރުންނަށް ސެކިއުރިޓީ ހަމަޖެއްސުމުގެ ކަންތައް އަވަސްކޮށްދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
