01 Dec 2014, 13:38
ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖޭގައި ގިނަ ރިސޯތުތަކެއް ހުޅުވަން މަސައްކަތްކުރައްވާ ކަމަށާއި އެ މަސައްކަތްތައް ހަލުއި ކުރުމަށް، ކާގޯ ބޯޓުތަކަށް ސީދާ ރިސޯޓައް ގާތްކުރެވޭ ގޮތް ހައްދަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެމިރޭޓްސްގެ އައު ފްލައިޓް ގެނެސް ދަތުރުތައް އިތުރުކުރުމަށް މިއަދު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އަލަށް 15 ރިސޯޓެއް ހުޅުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ކުރިއަށް އޮތް ތިން އަހަރު ދުވަހު ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރިސޯޓުތަކުގެ މަސައްކަތް އަވަސްކޮށް 15 ރިސޯޓް މާކެޓަށް ނެރުމަށްޓަކައި އަޅުގަނޑުމެން ރިސޯޓުތަކަށް ގެންނަ މުދަލުން ޑިއުޓީ ފްރީކޮށް ބޭރުން މުދާ ގެންނަ ކާގޯ ބޯޓު ފަހަރު ސީދާ ރިސޯޓުތަކަށް ކައިރިކޮށް މުދާ ހުސްކުރެވޭ ގޮތް ހަދާނަން،" ސައީދު ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގެ ޓޫރުޒަމް ރަނގަޅު ކުރުމަށް އެއާޕޯޓު ތަރައްގީގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދަން ސަރުކާރުން ވަނީ މަސައްކަތް ފަށާފައި ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ވިޔަފާރިތަކުގެ ސާވިސް ރަނގަޅު ކުރުމަށް ހާޑްވެއާ އަދި ސޮފްޓްވެއާ ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
މިހާރު ބޭރު ގައުމުތަކުން އަންނަ ކާގޯ ބޯޓުތައް ގާތްކުރާނީ ހަމައެކަނި މާލެއާއި ތިލަފުށީގައި އޮންނަ ބަނދަރުގެ އިތުރުން އައްޑޫގައި އޮންނަ ބަނދަރަށެވެ. ނަމަވެސް މިގޮތައް ހަމަޖައްސަވައިފި ނަމަ އަލަށް ތަރައްގީކުރާ ރިސޯޓުތަކަށް ބޯޓު ގާތްކޮށް މަސައްކަތުގެ ސްޕީޑް އަވަސްވާނެ އެވެ.