01 Dec 2014, 13:33
ބޭސް ވިއްކުމުގެ ގަވާއިދަށް އަމަލުކުރުން ލަސްކޮށްދިނުމަށް ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު މާލިއްޔަތު ކޮމިޓީގައި މިއަދު އެދިވަޑައިގެންފި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެހެނިހެން މައްސަލަތައް ހުށަހެޅުމުގެ ވަގުތުގައި ނާޝިދު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭސް ވިއްކުމުގެ ގަވައިދަށް އަމަލުކުރަން އަންގާފައި އޮތުމުން ބައެއް ބޭފުޅުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ގަވާއިދު ބުނާ ގޮތުން ހޯލްސޭލް ކުރާ ފަރާތްތަކަށް އިމްޕޯޓް ކުރެވެން އޮތީ އެކަމަށް ޓަަކައި ހާއްސަ ކުރެވިފައިވާ ގުދަން ހުރެގެން ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.
"ގުދަން ރަޖިސްޓްރީ ކުރަން ބާލާއިރު ގިނަ ފަރާތްތަކަށް ގުދަނެއް ރަޖިސްޓްރީ ކުރެވެން އޮތީ ގިނަ ތަންތަނެއްގެ ހުއްދަ ލިބިގެން. ސިޓީ ކައުންސިލްގެ ހުއްދަ ވެސް ހޯދަން އެބަޖެހޭ. އެކަމަކު ގިނަ ފަރާތްތަކަށް އެހުއްދަ ލިބޭކަށް ނެތް." ނާޝިދު ވިދާޅުވި އެވެ.
ގަވާއިދު މިހާރު އޮތް ގޮތަށް ތަންފީޒު ވެއްޖެ ނަމަ ވަރަށް ގިނަ މީހުންނަށް އެކަމުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ނާޝިދު ވިދާޅުވި އެވެ. މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގާނޫނުގައިވާ ކަންކަން ފުރިހަމަ ކުރަން ވެއްޖެނަމަ ބޭސް އެތެރެ ކުރުމާއި ވިއްކުމަށް ދަތިވާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.
"އެމީހުންގެ ކަންބޮޑުވުން އެބަހުރި. އެހެންވީމަ މިހާ ކުރު ނޯޓިސްއެއްގެ ތެރޭގައި އެބުނާ ގުދަން ތަކާއި އެއްޗެހި ރަޖިސްޓްރީ ކުރާނެ އެކަށީގެންވާ މުހުލަތެއް ނުދެވި އެ ގާނޫނަށް އަމަލުކުރަން ވެއްޖިއްޔާމު ރައްޔިތުންނަށް ބޭނުންވާ ބޭސް ގެނައުމަށް އެހެން ފަރާތްތަކަށް ދަތިވާނެ. އެހެންވީމަ އެގަވާއިދަށް އަމަލުކުރުން ލަސްކޮށްދިނުމަށް ގިނަ ފަރާތްތަކުން އެދޭ." ނާޝިދު ވިދާޅުވި އެވެ.