31 Jan 2011, 10:56
އަމިއްލަ ކުންފުނިތަކުގެ އަހަރީ ހިސާބާއި ފީ އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަހަޅަން ނުޖެހޭ ގޮތަށް ކުންފުނިތަކުގެ ޤާނޫނު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީސް ސުލްތާނާ މޫސާ ވިދާޅުވީ، ޤާނޫނު އިސްލާހުވުމުން އަމިއްލަ ކުންފުނިތަކުގެ އަހަރީފީއާއި ހިސާބުތައް މިނިސްޓްރީއަށް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، އިސްލާހުގައިވާ ގޮތުން ދެން އަމިއްލަ ކުންފުނިތަކުގެ އަހަރީ ފީއާއި ހިސާބުތައް ހުށަހަޅަން ޖެހޭނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކަމަށް ވެސް ސުލްތާނާ ވިދާޅުވި އެވެ. އެތަކެތި ހުށަނާޅާ ފަރާތްތައް ޖޫރިމަނާކުރުމުގެ މަސައްކަތްކުރިއަށްގެންދާނީ ވެސް މީރާއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސުލްތާނާ ވިދާޅުވި ގޮތުގައި، ޕަބްލިކް ކުންފުނިތަކާއި ފޮރިން އިންވެސްޓްމެންޓްގެ އިތުރުން އެސްއޯއީ ކުންފުނިތަކުން އަހަރީ ހިސާބާއި އަހަރީ ފީ ކުރިއަށް ތަނުގައިވެސް ދައްކަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީއަށެވެ.
އަދި އަންނަ ފެބްރުއަރީ މަހުގެ ތެރޭ އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާ ކުންފުނިތަކުގެ ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ތެރޭގައި މާލީ އަހަރު ކަނޑައަޅައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިހާރަކު ނޯންނާނެ މާލީ އަހަރެއް. މާލީ އަހަރެއް ކަމަށް އަޅުގަނޑުމެން މި ބަލަނީ ޖެނުއަރީ 1 އިން ޑިސެމްބަރު 31 އަށް،" ސުލްތާނާ ވިދާޅުވި އެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓާ މަހްމޫދު ރާޒީ ވިދާޅުވީ، އަމިއްލަ ކުންފުނިތަކުން މިނިސްޓްރީއަށް އަހަރީހިސާބާއި ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސީ "އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާއަށް ހިސާބުތައް ފޮނުވަން ނުޖެހޭނެ ކަހަލަ ގޮތަކަށް ހެދުމަށްޓަކައި" ކަމަށެވެ.
ރާޒީ އިތުރަށް ވިދާޅުވީ، ކުންފުނިތަކުގެ ޤާނޫނަށް ހުށަހަޅައި އިސްލާހުތަކުގެ ތެރޭގައި އެންމެ ހިއްސާދާރަކު ހުރެގެން ކުންފުނި އުފެއްދުމުގެ ފުރުސަތު ހުޅުވާލުމާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހުންގެ ޝަރުތުތައް ކަނޑައެޅުން ހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެން އިސްލާހުގެ ތެރެއަށް އެބަލަން ޑިރެކްޓަރުންނަށްވެވޭ ކަހަލަ މީހުންނަކީ ކޮބައިތޯ ނުވަތަ ނުވެވޭ ކަހަލަ މީހުންނަކީ ކޮބައިކަން ކޮންމެވެސް ޝަރުތުތަކެއް ކަނޑައަޅައިފަ. އެގޮތުން ހިއްސާދާރުން ޒިންމާވާން ޖެހޭނެ އެކަންތައްތައް ފުރިހަމަނުވާ ކަމަށްވަންޏާ،" ރާޒީ ވިދާޅުވި އެވެ.