ހުވަދޫ ރެކްރިއޭޝަނުން އިންތިޒާމްކޮށްގެން މުޅިއަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް 'ހުވަދޫ ރެކްރިއޭޝަން ތިނަދޫ ޗެލެންޖް ކަޕް 2014' ގެ ނަމުގައި ފަށަން ހަމަޖައްސައިފިއެވެ.

މި މަހުގެ 12 އިން 23 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް ފައިސާގެ އިނާމްގެ ގޮތުގައި 100،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި މިފަހަރު ބައިވެރިވެފައި ވަނީ ގދ. ތިނަދޫގެ ފަސް ޓީމެކެވެ. އެއީ ބަރަސިލާއި ސެންޓާ ފޮކްސެސް އާއި ޑީއެފް ބާސާ އާއި ހެއްޔާނބޯ އަދި ހޯބަހަކުން އެވެ. މި މުބާރާތުގެ ގުރުއަތުލުމުގެ ހަފްލާ މިދިޔަ ހޮނިހިރު ދުވަހު ތިނަދޫ 'ޑެލީސިއޯ' ރެސްޓޯރެންޓުގައި ބާއްވާފައި ވާއިރު، ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ މުބާރާތް ހިންގާ ފަރާތް ކަމަށްވާ ހުވަދޫ ރެކްރިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީ އާއި އޯގަނައިޒިންގް ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއްވެސް މުޅިއަކު ހަތަރު މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ.

މި މަހުގެ 12 ގައި ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރަން ހަމަޖެހިފައި ވަނީ ބަރާސިލާ އާއި ހެއްޔާންބޯ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތަށް މި މަހުގެ 21 ގައި ނިންމަން ހަމަޖެހިފައި ވާއިރު، މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެން ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 ގައި ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ހަވީރު އެވެ.