01 Dec 2014, 13:22
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކޮންސަލްޓެންސީ ސާވިސަސް ފޯރުކޮށްދިނުމަށް، ސިންގަޕޫރުގެ ޗަންގި އެއާޕޯޓުން އައިއެންއައިއޭ އާ އެކު އެއްބަސްވެއްޖެ އެވެ.
ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އައިއެންއައިއޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް އެވެ. ޗަންގި އެއާޕޯޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ލިމް ލިއަންގް ސޮންގް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ޓޫރިޒަމް ކުރިއަރުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ އިރު ބޮޑު އިސްކަމެއް ދީގެން އެއާޕޯޓް ކުރިއަރުވައި ތަރައްގީ ކުރަން ވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން ރަނގަޅު ފެންވަރެއްގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ފުރިހަމައަށް އެހީވުމުގެ ގާބިލުކަން ޗަންގިީ އެއާޕޯޓަށް ލިބިގެންވާ ކަމަށް އަދީބު ވިދާޅުވި އެވެ.
"މި ސަރުކާރު ވަރަށް އިސްކަމެއް ދީގެން ކުރާ މަސައްކަތެއް އެއާޕޯޓު ތަރައްގީ ކުރުމަކީ. ސަބަބަކީ މުޅި ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓެއް ވެސް ހިންގަނީ އައިއެންއައިއޭގެ ލީޑިން ފީޑްގެ ދަށުން. އެއާ އެކު އެއާޕޯޓަކީ ފަތުރުވެރިން އައިސް ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގެ ވެސް މައި ދޮރާށި. ލަގްޒަރީ ފެންވަރުގެ އެއާޕޯޓެއްގައި ޚިދުމަތް ދިނުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތް،" އަދީބު ވިދާޅުވި އެވެ.
ޗަންގި އެއާޕޯޓުގެ ސީއީއޯ ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެއާޕޯޓު ތަރައްގީކޮށް ކުރިއެރުވުމުގައި ގިނަ މަސައްކަތްތަކެއްކޮށް އެ ކުންފުނީގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެ ކަމުގެ ޔަގީންކަން ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އެގޮތުން އަލަށް އަޅާ ރަންވޭ އާއި އެހެނިހެން މަސައްކަތް ތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިއެންއައިއޭގެ އެމްޑީ ބަންދު އިބްރާހީމް ސަލީމް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން އަންނަ އަހަރު އެއާޕޯޓުގައި 3400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭއެއް މިހާރު އޮތް ރަންވޭގެ އިރުމައްޗަށް ވާގޮތަށް އަޅާނެ ކަމަށެވެ. އޭގެ އިތުރުން އަލަށް އަޅާ ޓާމިނަލް ބިލްޑިންގާާއި ކާގޯ ޓާމިނަލަކާއި ތެޔޮތާނގީ އާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ބަންދު ވިދާޅުވި އެވެ.
މި އެއްބަސްވުން ނުވަމަސް ދުވަހުގެ މުއްދަތަކަށް ދެމިގެންދާ އިރު އެ މުއްދަތުގައި ޗަންގީ އެއާޕޯޓުން ފޯރުކޮށްދޭން ޖެހޭ ހުރިހާ އެހީއެއް ފޯރުކޮށްދޭނެ ކަމަށް ވެސް އައިއެންއައިއޭ އިން ބުންޏެވެ.