ފާއިތުވި 5000 އަހަރު ވެސް އިންޑިއާ އޮތީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބާރުގަދަ ގައުމެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް އެހެން ގައުމުތަކަށް ނުފޫޒެއް ނުފޯރުވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

ސްރީލަންކާގެ ގޯލްގައި އިއްޔެ ފެށި ސަރަހައްދީ ސަލާމަތީ ބައްދަލުވުމެއް ކަމަށްވާ "ގޯލް ޑައިލޮގް" ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ޑޮވާލް ވިދާޅުވެފައި ވަނީ އެހެން ގައުމަކަށް ގެއްލުންވާ ގޮތަށް ނުފޫޒު ފެތުރުމުގެ ސްޓްރެޓެޖީއެއް ނުވަތަ އަދާވާތްތެރިކަން ފެތުރުމުގެ އުސޫލެއް އެގައުމުން ނުގެންގުޅޭ ކަމަށެވެ. އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ އިންޑިއާ ކަނޑުގެ ސަރަހައްދު ވާން ޖެހޭނީ ސުލްހަވެރިކަމުގެ ސަރަހައްދަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޖިތު ޑޮވާލް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ސްރީލަންކާއަށް ޗައިނާގެ ނުފޫޒު ގަދަވާ ކަމަށް ބުނެ އިންޑިއާއިން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައެވެ.

"ބޮޑެތި ބާރުތަކުގެ އަސްކަރިއްޔާތައް އިންޑިއާ ކަނޑުގެ ސަރަހައްދަށް ފުޅާ ނުކުރުމަށް ސްރީލަންކާއިން ކުރިން ގޮވައިލާފައިވާ ގޮވައިލުމަށް ސްރީލަންކާއިން އަލުން ރުޖޫއަ ވުމަށް" ވެސް އަޖިތުގެ ވާހަކަފުޅުގައި ގޮވައިލައްވާފައި ވެއެވެ.
ސްރީލަންކާ ޑިފެންސް މިނިސްޓްރީން އިންތިޒާމުކުރާ "ގާއުލް ޑަޔަލޮގް" އަކީ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް 40 ގައުމު ބައިވެރިވާ ފޯރަމެކެވެ.