01 Dec 2014, 13:12
ރާއްޖޭގެ ގައުމީ މުބާރާތުގެ ތަށި ޚާއްސަކޮށްލަނީ މިދިޔަ 35 އަހަރު ތެރޭ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ކުޅެދިން ހުރިހާ ކުޅުންތެރިންނަށް ކަމަށް އެ ޓީމްގެ މެނޭޖަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ގައުމީ މުބާރާތް ކަމަށްވާ 'ޕްރެޒިޑެންޓްސް ކަޕް' ގައި ރޭ ކުޅުން ފައިނަލް މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ނިއު އަކީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކަމަށާއި، ޓީމްގެ ކާމިޔާބީއާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"މި ކްލަބަށް މީގެ ކުރިން ވަރަށް މޮޅެތި ކުޅުންތެރިން ކުޅެދީފައި ވޭ. މި ތަށި މިލްކުކުރުމަކީ އެ ހުރިހާ ކުޅުންތެރިންވެސް ކުރި އުންމީދެއް. މިރޭ ނިއުއަށް މި ތަށި ކާމިޔާބު ކުރެވުމަކީ އެ ހުރިހާ ކުޅުންތެރިން ކުރި އުންމީދަށް އައި ނިމުން. މި ތަށި އަޅުގަނޑު ޚާއްސަކޮށްލަނީ މިދިޔަ 35 އަހަރު މި ޓީމަށްކުޅެދިން ހުރިހާ ކުޅުންތެރިންނަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
ރޭގެ މެޗުގައި 1-0 ގެ ނަތީޖާއަކުން އީގަލްސްގެ މައްޗަށް ކުރި ހޯދައި ނިއުވަނީ މުބާރާތުގެ ތަށި މިލްކުކޮށްފައެވެ.

ރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު، މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ނިއުއަށް ކާމިޔާބު ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓުގެ ދެ ހާފްގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިތުރު ވަގުތުގެ ދެވަނަ ހާފްގައި އެ ޓީމްގެ މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ މި މުބާރަތުގެ ތަށި ނިއުރޭޑިއެންޓުން މިލްކުކުރި ފުރަތަމަ ފަހަރެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓީމްގެ އެސިސްޓެންޓް ކޯޗް އިސްމާއީލް އަނިލް ބުނީ އޭނާ އެ ޓީމާ ހަވާލުވީ ތަށި މިލްކުކުރަން އަޒުމު ކަނޑައަޅައިން ކަމަށާއި، މި ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"މި ކާމިޔާބީއަކީ ކުޅުންތެރިން ކުރި ހިތްވަރުގެ ނަތީޖާ. ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ. މި މެޗަކީ އަސްލު އެހާ ފަސޭހަ މެޗެއް ނޫން. އެއްވެސް ފައިނަލް މެޗަކީ އެހާ ފަސޭހަ މެޗަކަށް ނުވާނެ. މި މެޗުގެ ކުޅުން ކުރިއަށް ގޮސްފައި ވަނީ ފައިނަލް މެޗެއްގެ ކުޅުން ކުރިއަށް ދާންޖެހޭ ގޮތަށް. މި ކަމިޔާބީއަކީ ކްލަބަށާއި އަޅުގަނޑަށް ލިބިނު ވަރަށް ބޮޑު އުފަލެއް،" އަނިލް ބުންޏެވެ.
މިފަހަރުގެ ދިވެހި ލީގުވެސް މިލްކުކުރި ނިއުއަށް މީގެ ކުރިން މި ތަށި މިލްކު ކުރުމަށް ކުރިމަތިވި ހުރަހަކީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. މިދިޔަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަންގައި ހުރިހާ މުބާރާތެއް ނިއު ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް މިފަހަރުގެ އެފްއޭ ކަޕް އެ ޓީމަށް ކާމިޔާބު ނުކުރެވި ދިޔައީ އެ މުބާރާތުގެ ފައިނަލްގައި މާޒިޔާ އަތުން 3-4 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.