01 Dec 2014, 13:01
އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓަށް ތާއީދު ނުކުރާން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ނިންމައިފި އެވެ.
"ސަން" އާ ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ބަޖެޓަށް ތާއިދު ނުކުރާ ގޮތަށް ނިންމީ އިއްޔެ ބޭއްވި ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގައި ކަމަށެވެ. 23 މެމްބަރުން ހިމެނިވަޑައިގަންނަވާ އެޕާޓީގެ ޕީޖީ ގުރޫޕުގެ އިއްޔެގެ ބައްދަލުވުމަށް ވަޑައިގަތް ނުވަ މެންބަރުންގެ ތެރެއިން އަށް މެމްބަރުން ވޯޓު ދެއްވީ ބަޖެޓަށް ތާއީދު ނުކުރާ ގޮތަށް ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެތެރެއިން އެއް މެންބަރަކު ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ބަޖެޓަށް ތާއީދު ނުކުރާ ގޮތަށް ނިންމީ ކާޑުގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ނަގާ ގޮތަށް ބަޖެޓުގައި ހިމަނާފައި ވާތީ ކަމަށެވެ.
"އަޅުގަނޑުމެން ބޮޑަށް ބަޖެޓަށް ތާއީދު ނުކުރާ ގޮތަށް ނިންމީ ހަނޑޫ ހަކުރު ފުށުން އިމްޕޯޓު ޑިއުޓީ ނަގާތީ." އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހަޅާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ހުށަހަޅާ ގިނަ އިސްލާހުތައް ފާސްވެއްޖެ ނަމަ ބަޖެޓު ފާސްކުރުމަށް އެޕާޓީން ވޯޓު ދޭނެ ކަމަށެވެ.
ބަޖެޓު މިހާރު އޮތް ގޮތަށް ފާސްކުރުމަށް އެމްޑީޕީން ވޯޓު ނުދޭނެ ކަމަށް އިބޫ ވިދާޅުވި އިރު ބަޖެޓު ކޮމިޓީން ވަނީ ސަރުކާރުން ހުށަހެޅި 24.3 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފަ އެވެ.