ކްލަބް އީގަލްސްގެ މުސްތަގުބަލު އުޖާލާ ކަމަށާއި ދެން އަންނަ ސީޒަނަކަށް ޓީމް ނުކުންނަނީ ރަނގަޅު ނަތީޖާއެއް ހޯދަން ކަމަށް އެ ޓީމްގެ ކޯޗް އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފި އެވެ.

ނިއުރޭޑިއަންޓާ ދެކޮޅަށް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި އީގަލްސް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސާންތި ބުނީ ސީޒަންގެ ފަހު މުބާރާތް ޓީމަށް ކާމިޔާބު ނުކުރެވުނަސް މި ސީޒަންގައި ޓީމްގެ ކުޅުމާމެދު ހިންހަމަޖެހޭ ކަމަށާއި ނަތީޖާގެ ސަބަބުން "މާޔޫސް" ނުވާ ކަމަށެވެ.

ޕްރެޒިޑެންޓު ކަޕް ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނިއުއާއި އީގަލްސްއަކަށް ވެސް ލަނޑެއް ކާމިޔާބެއް ނުކުރެވެ އެވެ. ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފުގައި އަލީ ފާސިރު (ސެންޓޭ) ޖެހި ލަނޑާއެކު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ނިއު ހޯދި އެވެ.

"އަޅުގަނޑުމެނަށް ރޭގެ މެޗުގައި މަދުވީ ހަމައެކަނި ނަސީބު. ޓީމްގެ ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ރަނގަޅު. އީގަލްސް ކޮޅަށް ވައިން ލަނޑަކީ އެއްވެސް ކުޅުންތެރިއެއްގެ މިސްޓޭކެއް ނޫން. އެއީ ވިއްސާރަ ވެހި ކުޅުމުގެ ކޮންޑިޝަންތައް ދައްވުމުން ވަތް ލަނޑެއް. އަޅުގަނޑުމެނަށް ދާން ބޭނުންވި ހިސާބަށް ދެވިއްޖެ. ނިއުވެސް ދެއްކީ ރަނގަޅު ކުޅުމެއް، އެ ޓީމްގެ ކާމިޔާބީއަށް އަޅުގަނޑުގެ ފަރާތުން ޓީމަށް މަރުހަބާ ކިޔަން،" އޭނާ ބުންޏެވެ.

އޭނާ ބުނީ ނިއުގެ ސްކޮޑާއި އީގަލްސްގެ ސްކޮޑާއި އަޅާކިޔާއިރު ނިއުއަކީ ތަޖުރިބާ ހުރި، މޮޅު ކުޅުންތެރިންތަކެއް ތިބި ސްކޮޑެއް ކަމަށާއި އީގަލްސްގެ ސްކޮޑަކީ ވަރަށް އުމުރުން ހަގު އާ ކުޅުންތެރިންތަކެއް ހިމެނޭ ސްކޮޑެއް ކަމަށެވެ.

"މިފަހަރުގެ ފުޓްބޯޅަ ސީޒަންގައި އީގަލްސްގެ ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ހިންހަމަ ޖެހޭ. މި ޓީމަކީ އަދި ވަރަށް ހަގު ޓީމެއް، ނަމަވެސް ޓީމުގެ މުސްތަގުބަލު ވަރަށް އުޖާލާ. އަޅުގަނޑުމެން އެއްގޮތަކަށް ވެސް މާޔޫސެއް ނުވޭ. އިރާދަ ކުރެއްވިއްޔާ ދެން އަންނަ ސީޒަންއަށް އަޅުގަނޑުމެން ނުކުންނާނީ މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދަން. ދެ ތިން އަހަރުތެރޭ އިރާދަކުރެއްވިއްޔާ މި ޓީމަކީ ރާއްޖޭގެ ފުޓްބޯޅައިގައި ވަރުގަދަ ބާރަކަށް ހަދާނަން،" އޭނާ ބުންޏެވެ.