މާލެ-ހުޅުލެ ބުރިޖުގެ މަސައްކަތުގެ އިތުރު ޕްރީ ފީސިބިލިޓީ މަސައްކަތްތައް ކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓުރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިކޮނޮމިކް އެންޑް ކޮމާޝަލް ކައުންސެލާސް އޮފީހުގެ ޕްރިންސިޕަލް ޔަންގް ވެންޒިއޮންގް އެވެ.

ހައުސިން މިނިސްޓުރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެމްއޯޔޫގެ ދަށުން މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި މި ޕުރޮޖެކްޓާއި ގުޅިގެން ދެން ކުރަން ހުރި މަސައްކަތްތައް ހިމެނިގެންދާނެ ކަމަށެވެ.

"މި މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ވަރަށް ބޮޑު ބައެއް ނިމި، ޕްރިލިމިނަރީ ފީސިބިލިޓީ ސުޓަޑީގެ މަސައްކަތުގެ ފައިނަލް ސުޓޭޖަށް މި ވަނީ އާދެވިފައި. މިހާރު ކުރެވުނު ދިރާސާތަކުގެ އަލީގައި ކުރިއަށް ކުރެވެން ހުރި ފީސިބިލިޓީގެ މަސައްކަތްތަކާއި ޑިއިނިންގެ މަސައްކަތްތަކާއި ކަންކަން ކުރިއަށް ގެންދެވޭނެ،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ކޮމާޝަލް ކައުންސެލާސް އޮފީހުގެ ޕްރިންސިޕަލް ޔަންގް ވެންޒިއޮންގް ވިދާޅުވީ ސާވޭ ޓީމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި ވާއިރު އެ ސާވޭ ކުރި ޓީމު އަނބުރާ ޗައިނާ އަށް ގޮސް ޗައިނާ ސަރުކާރަށް ސާވޭގެ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށެވެ. ހުޅުލެ އާއި މާލެއާ ދެދެމު އަޅާ ބުރިޖު މަސައްކަތަށް އެ ސާވޭ ފީސިބަލް ކަމަށް ފެނިއްޖެނަމަ މި ޕުރޮޖެކްޓަށް ޗައިނާ ސަރުކާރުން ފައިނޭންޝަލީ އެހީވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.