01 Dec 2014, 11:14
ތެހެރާން (ޑިސެމްބަރު 01): އެތައް ބިލިޔަން ޑޮލަރެއްގެ ވިޔަފާރީގެ އެއްބަސްވުމެއްގައި އީރާނާ އެކު ސޮއި ކުރުމަށް ތައްޔާރުވަމުންދާކަން ރަޝިޔާ އިން ހާމަކޮށްފި އެވެ.
އީރާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ އިގްތިސާދާބެހޭ ވަޒީރު އެލެކްސީ އޮލިޔޮކިޔޭވް ވިދާޅުވީ އީރާނުގެ ތެލުގެ ބަދަލުގައި އެގައުމަށް ރަޝިޔާގެ އުފެއްދުންތައް ވިއްކުމުގެ އެއްބަސްވުމަކާ ހަމައަށް ދެވޭތޯ އީރާނުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވަމުން ގެންދަވާކަމުގަ އެވެ.
މިއެއްބަސްވުމުގެ ދަށުން އީރާނަށް ވިއްކުމަށް މަޝްވަރާ ކުރަމުން ގެންދާ ބާވަތްތަކުގެ ތެރޭގައި ރަޝިޔާގައި އުފައްދާ ގޮވާމުގެ ބާވަތްތަކާއި ތެލާއި ގޭހުގެ ސިނާއަތުގައި ބޭނުންކުރާ ބިޔަ މެޝިނަރީތަކާއި ޖަނަރޭޓަރާއި ވެހިކަލާއި މަތިންދާބޯޓު ފަދަ އަގުބޮޑު ތަކެތި ހިމެނޭކަމަށާ މިއީ އީރާނަށްވެސް ބޭނުންތެރި އުފެއްދުންތަކެއް ކަމަށް އޮލިޔޮކިޔޭވް ވިދާޅުވި އެވެ. އީރާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އޮލިޔޮކިޔޭވް އާއި އޭނާގެ ވަފްދުގެ ބޭފުޅުން ގެންދަވަނީ އީރާނުގެ ކަމާބެހޭ މަސްއޫލުވެރިންގެ އިތުރުން އެގައުމުގެ ކުންފުނިތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވަމުންނެވެ.
ރަޝިޔާ އާއި އީރާނާ ދެމެދު ސޮއިކުރުމަށް މަސައްކަތްކުރާ އެތަށް ބިލިޔަން ޑޮލަރެއްގެ ވިޔަފާރީގެ އެއްބަސްވުމަކީ ރަޝިޔާ އިން ހުޅަނގަށްދޭ މެސެޖެއް ކަމަށް މުރާސިލުން ބުނެ އެވެ. މި ދެ ގައުމަކީ ވެސް ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވާ ދެގައުމެވެ. ރަޝިޔާގައި އުފައްދާ މަތިންދާބޯޓާއި ތެލާއި ގޭހުގެ ސިނާއަތުގައި ބޭނުންކުރާ ހައިޓެކް މެޝިންތައް އީރާނަށް ފޯރުކޮށްދިނުމަކީ ހުޅަނގުން އެމެރިކާ ކަންބޮޑުވާ ކަމެކެވެ. ސަބަބަކީ މިއެއްބަސްވުމާ އެކު ރަޝިޔާގެ އުފެއްދުންތައް ވިއްކުމުގެ ބޮޑު ފުރްސަތެއް ރަޝިޔާ އަށް ލިބި ރަޝިޔާގެ އިގްތިސާދަށް ފައިދާތަކެއް ކުރުމުގެ އިތުރުން އީރާނަށް ބޭނުންވާ އެތައްބާވަތެއްގެ ހައިޓެކް މެޝިންތަކެއް ލިބުމުގެ ފުރްސަތު އީރާނަށް ވެސް ތަނަވަސްވެގެންދާނެތީ އެވެ. މި އެއްބަސްވުން ވުޖޫދަށް އައިސްފި ނަމަ މި ދެގައުމާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ކުޑަވެގެންދާނެކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިއެއްބަސްވުމުގެ ދަށުން ރަޝިޔާ އީރާނަށް އެކްސްޕޯޓްކުރާ ތަކެތީގެ އަގު އަދާކުރުމަށް އީރާނުން ރަޝިޔާ އަށް ފޯރުކޮށްދޭނީ ތެލާއި ތެލުގެ ބާވަތްތައް ކަމަށް ރަޝިޔާގެ އިގްތިސާދާބެހޭ ވަޒީރު ވިދާޅުވި އެވެ. (ރޮއިޓާސް)