އެއިޑްސް ބަލި ދިވެހިންނަށް ޖެހޭ މިންވަރު ކުރިން އޮތީ ނިސްބަތުން ދަށުގަ އެވެ. ނަމަވެސް އެހާލަތު ބަދަލުވެ، އެ ބަލި ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

ރާއްޖޭގައި މިދިޔަ އަހަރުގެ ނިޔަލަށް ހަ މީހަކު އެއިޑްސްއަށް ފަރުވާ ހޯދަމުން ދިޔަ އެވެ. ރާއްޖޭގެ އެ ބަލި ޖެހޭ މީހުންގެ އުމުރުފުރަޔަކީ ކުރިން 30 އަހަރާއި 40 އަހަރެވެ. ނަމަވެސް 2003 ވަނަ އަހަރުން ފެށިގެން މިހާރު އެ ބަލި ޖެހުނު މީހުންނަށް ބަލި ޖެހުނީ 18 އަހަރާއި 24 އަހަރާ ދެމެދުގެ އުމުރެއްގަ އެވެ.

އެއިޑްސް ޖައްސާ ހިއުމަން އިމިއުނޯ ޑެފިޝިއެންސީ ވައިރަސް (އެޗްއައިވީ) ރާއްޖޭގެ ގިނަ ބައެއްގެ ގަޔަށް ކުއްލިއަކަށް އެރުމުގެ ނުރައްކާ ބޮޑު ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އެމިނިސްޓްރީން ބުނީ ރާއްޖޭގައި އެގޮތަށް ކުއްލިއަކަށް ގިނަ ބައެއްގެ ގަޔަށް ވައިރަސް އަރާ ފަދަ މާހައުލެއް އެބަ އޮތް ކަމަށެވެ. އެގޮތުން އެވައިރަސް ފެތުރުމަށް މަގުފަހިވާ އާދަތަކުގެ ތެރެއިން ގިނަ އާދަތަކެއް ރާއްޖޭގައި އެބަ އޮތް ކަމަށް 2008 ވަނަ އަހަރު ކުރި ސާވޭއަކުން ވަނީ އެނގިފަ އެވެ. ރާއްޖޭގައި އޮތް އެފަދަ އާދަތަކުގެ ތެރޭގައި ހަށިވިއްކުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ސިރިންޖް ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުން ހިމެނެ އެވެ. އެފަދަ ކަންތައްތައް ކުރާ މީހުންގެ އަދަދާއި އެ މީހުން އެފަދަ އަމަލުތައް ހިންގާ ދަރަޖައަށް ބަލާއިރު ވައިރަސް ކުއްލިއަކަށް ގިނަ ބަޔަކަށް ފެތުރުމުގެ ނުރައްކާ ބޮޑުކަން ސާވޭއިން ވަނީ އެނގިފަ އެވެ.

ހެލްތުމިނިސްޓްރީން ބުނީ ރާއްޖޭގައި އެންމެ އަވަހަށް އެގޮތަށް ކުއްލިއަކަށް ގިނަބަޔަކަށް ފެތުރުން (އައުޓްބްރޭކެއް) ފެނިގެން ދާނީ އެފަދަ އާދަތައް ގެންގުޅޭ ކޮންމެ ވެސް އެއް ގްރޫޕެއްގެ ތެރެއިން ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އެފަދަ އާދަތައް އަށަގެންފައިވާ އެހެން ގައުމުތަކުގައި މީހުން ބަންދު ކުރާ ޖަލު ފަދަ ތަންތަނުގައި އެކަން ހިނގާފައިވާކަން މިނިސްޓްރީން ފާހަކުރެ އެވެ.

ރާއްޖޭގައި އެޗްއައިވީ ކޮންޓްރޯލް ކުރުމަށް 1987 ވަނަ އަހަރު ފުރަތަމަ އެ ބަލި ފެނުނު ހިސާބުން ފެށިގެން ސަރުކާރުތަކުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ނެޝަނަލް އެއިޑްސް ކައުންސިލްގެ ނަމުގައި އެ އަހަރު ފުރަތަމަ ކައުންސިލެއް އުފެއްދި އެވެ. ހެލްތު މިނިސްޓަރު ރިޔާސަތު ބަލަހައްޓާ އެ ކައުންސިލުން ކުރާ ކަމަކީ އެޗްއައިވީ ނައްތައިލުމަށް ކުރަން ޖެހޭ ކަންކަން ކަނޑައެޅުމާއި ލަފާ ދިނުމެވެ. އަދި އެއިޑްސް އާއި ޖިންސީ ގުޅުމުން އަރާ އެހެން ބަލިތައް ރާއްޖޭގައި އޮތް މިންވަރު ދެނެގަނެ، އެ ބަލިތަކުން މީހުން ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށާއި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް ނެޝަނަލް އޭޑްސް ޕްރޮގްރާމް 1991 ވަނަ އަހަރު އުފެއްދި އެވެ.

ރާއްޖޭގައި ބަލި ކޮންޓްރޯލް ކުރުމަށް ކުރާ އަނެއް މަސައްކަތަކީ ކޮންމެ ފަސް އަހަރަކުން ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވައިލުމެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެކުލަވާލާފައިވާ ޕްލޭނަށް މިއަހަރު އަމަލުކުރަން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އެ ޕްލޭންގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެޗްއައިވީ އެރުމުގެ ނުރައްކާ ބޮޑަށް އޮތް މީހުން ބައްޔާއި މެދު ހޭލުންތެރި ކުރުވުމެވެ. ބަލިޖެހިފައިވާ މީހުންނަށް ދޭ ފަރުވާދިނުން ހަރުދަނާ ކުރުން ވެސް ހިމެނެ އެވެ.

ރާއްޖެ ކަހަލަ ގައުމެއްގައި ހޭލުންތެރިކުރުވުމާއި ރައްކާތެރިކުރުވުމަށް ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް ހެލްތުމިނިސްޓްރީން ދެކެނީ ވީހާ ވެސް ގިނަ ބަޔަކު އަމިއްލައަށް އެދިގެން ޓެސްޓްކުރުވުމެވެ.

މިއަހަރުގެ އެއިޑްސް ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޓެސްޓްކޮށް ޔަގީންކޮށްލައްވާ" މިޝިއާރެވެ. އެޝިއާރުގެ ދަށުން ޓެސްޓްކުރުމުގެ ކެމްޕޭނެއް ފަށަން ހެލްތު މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެގޮތުން އައިޖީއެމްއެޗާއި ޝީގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ޓެސްޓްކުރުމުގެ ހިދުމަތް މޯބައިލްކޮށް ވެސް ދޭނެ އެވެ. އަދި އަތޮޅުތަކުގައި ސިއްހީ ހިދުމަތްދޭ ހުރިހާ ތަނަކުން ވެސް ހިދުމަތް ލިބޭނެ އެވެ.