31 Jan 2011, 09:59
މިދިޔަ ހޮނިހިރު ދުވަހު ހެނދުނު އައި ކޮޅިގަނޑެއްގައި މ. ކޮޅުފުށްޓަށް ބައިގަޑި އިރުވަންދެން ކަޅު ކުލައިގެ ވާރޭ ވެހިފައިވާ ކަމަށް ރަށު އޮފީހުން ބުނެފި އެވެ.
ކަތީބު އިސްމާއިލް ޝާކިރު ވިދާޅުވީ ހޮނިހިރު ދުވަހު ހެނދުނު 6:00 ޖަހާކަންހާއިރު އައި ކޮޅިގަނޑުގައި އެރަށަށް ވާރޭ ވެހެން ފެށި ކަމަށާއި އެ ވާރޭގަނޑުން ރައްޔިތުންގެ ގިނަ ބަޔަކު ފެން ނެގިއިރު އެ ފެން ހުރީ ގަދަ ކަޅު ކުލައިގައި ކަމަށެވެ.
"ދެން އަޅުގަނޑުމެން، ރައްޔިތުން އަނެއްކާވެސް އެ ފެން އުކަލާފައި އަލުން ފެން ނެގީމަ ވެސް ހުންނަނީ ކަޅު ކުލައިގައި. އެކަމަކު އެފެން އަތަށް ނަގާފައި އޮއްސާލާއިރު ކަޅު ކަމެއް ނުހުރޭ. އެއްޗަކަށް ފެން ފުރީމަ ކަޅުކޮށް ހުންނަނީ. ވާރޭ ވެހޭއިރު ވެސް ކަޅު ކަމެއް ކިލަނބު ކަމެއް ފާހަގައެއް ނުކުރެވޭ." ކަތީބު ވިދާޅުވި އެވެ.
ކަތީބު ވިދާޅުވީ 1200 އަށް ވުރެ ގިނަ މީހުން އުޅޭ ރަށުގެ ރައްޔިތުންނަށް އެ ވާރޭގެ ފެން ހުރީ ކަޅު ކުލައިގައިކަން އެނގުމުން ތަކުރާރުކޮށް ބޮޑެތި ބާލިދީތަކަށް ފެން ފުރި ކަމަށާއި ހުރިހާ ފަހަރެއްގައި ވެސް ނެގުނީ ކަޅުފެން ކަމަށެވެ. އެހެންވެ އެ ފެން ބޭނުން ކޮށްފައި ނުވާ ކަމަށް ވެސް ކަތީބު ވިދާޅުވި އެވެ.
ކޮޅުފުއްޓަށް ވެހުނު ވާރޭގަނޑު 30 މިނެޓް ވަންދެން ވެހުމަށް ފަހު ތުނި ކުރި އެވެ. ނަމަވެސް ދެން ވެހުނު ވާރޭގައި ފެން ހުރީ ސާފުކޮށެވެ. ކަތީބު ވިދާޅުވީ އޭގެ ފަހުން ވެސް ވާރޭ ވެހުނު ކަމަށާއި ފުރަމަ ކަޅު ވާރޭ ވެހުމަށް ފަހު 20 މިނެޓް ފަހުން ފެން ސާފުވި ކަމަށެވެ.
"ދެވަނަ ބުރުގައި 20 މިނެޓް ފަހުން ސާފުވި ގޮތަށް ދެން ވެހުނީ މުޅިން ރީތި ފެން،" އޭނާ ވިދާޅުވި އެވެ.
ކަތީބު ވިދާޅުވީ ރަށުގެ ބައެއް މީހުންނާއި ކުދިން ހޮނިހިރު ދުވަހުގެ ވާރޭގެ ތެރެއަށް ނުކުމެ އުޅުނު ކަމަށާއި ބައެއް މީހުނަށް އެ ފެނުން ހިތިރަހަ ލީ ކަމަށެވެ. ނަމަވެސް އެވާރޭގެ ސަބަބުން މީހަކު އެލާޖިކްވުން ފަދަ އެއްވެސް ކަމެއް ވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސާމްޕަލް ނަގާފައި ހުންނާނެ މާދަމާ އެ ސާމްޕަލް މާލެ ފޮނުވާވާނެ،" އޭނާ ވިދާޅުވި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރުން ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޮޅުފުއްޓަށް ވެހުނު ވާރާގޭ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އޭގެ ސަމްޕަލްތައް ގެނައުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ.
މ. އަތޮޅުން ކޮޅުފުށި ފިޔަވައި އެހެން ރަށަކަށް ކަޅުވާރޭ ވެހުނުކަން އެނގިފައެއް ނުވެ އެވެ.