ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވި މައިލޯ 41 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތާއި 7 ވަނަ އަތޮޅު ލީގު މުބާރާތް ނިންމާލައިފި އެވެ.

ނޮވެމްބަރު 21 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އޯޕަންސް އިވެންޓުތަކުގައި އެއްވަނަ ޑިވިޝަން އާއި ދެވަނަ ޑިވިޝަން އަދި އަތޮޅު ލީގުގެ ފަސް އިވެންޓު ކުރިއަށް ގެންދިޔަ އިރު، މި ތިން ޑިވިޝަންގެ ތިން ޓީމް އިވެންޓެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ދެ މުބާރާތުގައި އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ ޓީމް އިވެންޓުތަކެވެ. އަތޮޅު ލީގް ޓީމް އިވެންޓުގައި މިފަހަރު މުޅިއަކު 12 ޓީމެއް ބައިވެރިވެފައިވާ އިރު، މި އިވެންޓުގެ ޗެންޕިއަންކަން ހޯދާފައި ވަނީ އޭދަފުށި ބީޑީސީ އެވެ. މިއީ ބެޑްމިންޓަން އަތޮޅު ލީގުގެ ޓީމް އިވެންޓު ޖެހިޖެހިގެން އެ ޓީމުން ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. ގައުމީ މުބަރާތުގެ ޓީމް އިވެންޓުގެ ދެވަނަ ޑިވިޝަންގައި މިފަހަރު ބައިވެރިވީ ތިން ޓީމެވެ. ދެވަނަ ޑިވިޝަންގެ ޓީމް އިވެންޓް ކާމިޔާބު ކޮށްފައި ވަނީ ޔުނީކް ސްޕޯޓްސް ކްލަބެވެ. އަދި މި މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ޓީމް އިވެންޓުގައި މިފަހަރު ދެ ޓީމެއް ބައިވެރިވި އިރު، އެ އިވެންޓުގެ ޗެންޕިއަންކަން އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްރެން (އާކް) ހޯދީ އެ އިވެންޓުގައި ބައިވެރިވި ދެވަނަ ޓީމް ޕޮލިސް ކްލަބް މުބާރަތުން ވަކިވުމުންނެވެ.

ގައުމީ މުބާރާތުގެ އޯޕަންސް އިވެންޓުތަކުގައި ފުރަތަމަ ޑިވިޝަންގެ ފިރެހެން ސިންގަލްސް ޗެންޕިއަންކަން ހޯދީ ނަޝީއު ޝަރަފުއްދީންއެވެ. އޭނާ މި އިވެންޓުގެ ޗެންޕިއަންކަން ހޯދީ ފައިނަލްގައި ރާއްޖޭގެ ބެޑްމިންޓަން ރޭންކިންގް ތާވަލްގެ އެއްވަނަ މަގާމްގައި އޮތް މުހައްމަދު އަޖުފާން ބަލިކުރުމަށް ފަހު އެވެ. އެއްވަނަ ޑިވިޝަންގެ އަންހެން ސިންގަލްސް ޗެންޕިއަންކަން ހޯދީ އައިޝަތު އަފްނާން ރަޝީދު އެވެ. އޭނާ ވެސް މި އިވެންޓުގެ ޗެންޕިއަންކަން ހޯދީ ރާއްޖޭގެ ބެޑްމިންޓަން ރޭންކިންގް ތާވަލްގެ އެއްވަނަ މަގާމްގައި އޮތް އައިމިނަތު ޝަހުރުނާޒް މޫސާ ބަލިކުރުމަށް ފަހު އެވެ.

އެއްވަނަ ޑިވިޝަންގެ އަންހެން ޑަބަލްސް އިވެންޓުގެ ޗެންޕިއަންކަން ހޯދީ ނީލާ އަހުމަދު ނަޖީބު އާއި އައިޝަތު އަފްނާން ރަޝީދު އެވެ. އަދި މި ޑިވިޝަންގެ ފިރެހެން ޑަބަލްސް އިވެންޓު ކާމިޔާބުކުރީ ނަޝީއު ޝަރަފުއްދީނު އާއި މުހައްމަދު ނަޝްފާން އެވެ. އެއްވަނަ ޑިވިޝަންގެ މިކްސްޑް ޑަބަލްސް ޗެންޕިއަންކަން ހޯދީ ހަސަން އަޝްފީން އާއި އައިމިނަތު އަހުމަދު ދީދީ އެވެ.

ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަންގެ އޯޕަންސް އިވެންޓުތަކުގައި ފިރެހެން ސިންގަލްސް އިވެންޓުގެ ޗެންޕިއަންކަން ހޯދީ އާސިފް އާދަމް މަނިކު އެވެ. އަދި މި ޑިވިޝަންގެ އަންހެން ސިންގަލްސް އިވެންޓު ކާމިޔާބު ކުރީ ފާތިމަތު ނަބާހާ އެވެ. ދެވަނަ ޑިވިޝަންގައި ފިރެހެން ޑަބަލްސް ޗެންޕިއަންކަން ހޯދީ އާސިފް އާދަމް މަނިކު އާއި އިބްރާހިމް ޝަރީފް އެވެ. އަދި އަންހެން ޑަބަލްސް ޗެންޕިއަންކްނަ އައިޝަތު ޝަރީފު އާއި ރާބިއާ ނައީމް ހޯދި އިރު، ދެވަނަ ޑިވިޝަންގެ މިކްސްޑް ޑަބަލްސް އިވެންޓު ކާމިޔާބު ކުރީ އާސިފް އާދަމް މަނިކް އައި އައިޝަތު ޝަރީފު އެވެ.

އަތޮޅު ލީގުގެ އޯޕަންސް އިވެންޓުތަކުގައި ފިރެހެން ސިންގަލްސް ޗެންޕިއަންކަން ހޯދީ ހުސެން މުހައްމަދު އެވެ. އަދި އަންހެން ސިންގަލްސް އިވެންޓް ކާމިޔާބު ކުރީ އައިޝަތު އިބްރާހިމް އެވެ. މިފަހަރުގެ އަތޮޅު ލީގުގެ ފިރެހެން ޑަބަލްސް ޗެންޕިއަންކަން އިބްރާހިމް ނަޝީދު އާއި އަހުމަދު ޝިފާއު ހޯދި އިރު، މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓު ކާމިޔާބު ކުރީ އައިޝަތު އިބްރާހިމް އާއި ޝިފްނާ ހުސެން އެވެ. މި މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓު ކާމިޔާބު ކުރީ އަހުމަދު ޝިފާއު އާއި ޝިފްނާ ހުސެން އެވެ.