01 Dec 2014, 10:05
ހަނގުރާމަތަކަށް ރާއްޖެއިން ބޭރަށް ގޮސްފައިވާ މީހުންތަކުގެ ތެރެއިން ތިން މީހަކު އަނބުރާ ރާއްޖެއަށް ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަޞީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ހަނގުރާމައަށް މީހުން ދިއުމުގެ ކުރިން، އިންޓެލިޖެންސަށް އެކަން އެނގިއްޖެނަމަ ކޯޓު އަމުރެއްގެ ދަށުން އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓަމުންދާ ކަމަށެވެ. އަދި ދިވެހިން ހަނގުރާމައަށްދާ ގައުމުތަކާ ވާހަކަދައްކައިގެން ދިވެހިން އަނބުރާ ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
"ރާއްޖެއިން ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކު ރާއްޖެއަށް ވާނީ ގެނެސްފައި. އެ ފަދަ މީހުންގެ މައުލޫމާތު އަޅުގަނޑުމެންނަށް ބައެއް ފަހަރު އެބަލިބޭ އެފަދަ މީހުން ފުރުމުގެ ކުރިން. އަނެއް ބައިފަހަރު އެބަ ލިބޭ އެމީހުން ފުރާފަހުން ވެސް. އަދި އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ އެ މީހުން ހަނގުރާމައިގައި ތިއްބާ ވެސް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"ފުރުމުގެ ކުރިން މައުލޫމާތު ލިބިއްޖެއްޔާ އެފަދަ ފަރާތްތައް ހުއްޓުވުމަށްޓަކައި ކޯޓު އަމުރެއް ހޯދާ އެ މީހުންގެ ޕާސްޕޯޓު ހުންނާނީ ހިފަހައްޓާފައި. ފުރައިން ދާ ފަހުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބިއްޖެއްޔާ އެ މީހުން އެ ވަގުތު ތިބި ގައުމެއްބަލައި ސަރުކާރާ ވާހަކަ ދައްކައިގެން އެ މީހުން ގެނައުމުގެ މަސައްކަތް ކުރެވޭ،"
ހަނގުރާމައަށް ގޮސްފައިވާ މީހުންގެ ތެރެއިން ގެނެސްފައިވާ މީހުންނަކަށް އަނބުރާ ހަނގުރާމައަށް ދިޔަ ނުދެވޭނޭ ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކި ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހަތް މީހަކު ރާއްޖެއިން ގޮސްފައިވާ ކަމަށާއި އެފަދަ މީހުން ހުއްޓުވުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ހެކި ނެތުން ކަމަށެވެ.
ޓެރަރިޒަމް އާ ދެކޮޅަށް ޕޮލިހުން 2005 އިން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަންތައް ހުއްޓުވުމަށް "ވަރަށް އަވަހަށް" ގާނޫނެއް ގެންނާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.