ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އެމެރިކާ ނާކާމިޔާބުވެ ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވަމުންދާ ކަމަށް ސްޓްރެޓީޖިކް ރިޕޯޓެއް ބުނެފި އެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުން ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އެމެރިކާ ނާކާމިޔާބު ވަނީ އެމެރިކާ އަށް ހައްލުކުރެވޭ ވަރަށް ވުރެ އެމައްސަލަތައް ބޮޑުވެފައި އެމައްސަލަތައް ޙައްލުކުރުމުގެ އާރާއި ބާރާއި ގާބިލްކަން އެމެރިކާގެ ކިބާގައި ނެތުމުންނެވެ. މިރިޕޯޓް ބުނާ ގޮތުން ފަލަސްތީނުގެ މައްސަލައާއި އީރާނުގެ ނިއުކްލިޔާ މައްސަލަ އާއި އަފްޣާނިސްތާނުގެ މައްސަލަ ފަދަ ދިގުލީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އެމެރިކާ ވަނީ ވަރަށް ބޮޑަށް ނާކާމިޔާބުވެފަ އެވެ. މީގެ އިތުރުން އައިއެސް ޖަމާއަތާ ކުރިމަތިލުމުގައި އެމެރިކާ ގެންގުޅޭ ސްޓްރެޓެޖީ ވެސް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފަ އެވެ.

އައިއެސް ބަލިކުރުމަށް ޓަކައި އެތައް ގައުމެއް އެކުލެވޭ ބައިނަލްއަގްވާމީ އިއްތިޙާދެއް ހަދައިގެން އެޖަމާއަތާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ވައިގެ ޙަމަލާތައް ދެމުންގެންދާތާ ތިންމަސް ވެފައިވާ އިރު އެހަމަލާތަކުގެ ސަބަބުން އައިއެސް ބަލިކަށިނުވުމަކީ އެމެރިކާގެ ނާކާމިޔާބީ މުޅިދުނިޔެއަށް ހާމަވެގެންދާ ކަމެކެވެ.

މިރިޕޯޓްގައި ޖެނިފާ ރޮބިން ވިދާޅުވެފައި ވަނީ ސީރިޔާގެ މައްސަލައާއި ޔަމަންގެ މައްސަލައާއި އަދި ޔުކްރޭންގެ މައްސަލާގައިވެސް އެމެރިކާ އަށް ޙާސިލް ކުރެވިފައިވާ ކާމިޔާބީއެއް ފެންނަންނެތް ކަމުގަ އެވެ. އަދި އެމެރިކާގެ މި ނާކާމިޔާބީތަކާ ގުޅިގެން ފެންނަމުންދަނީ ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވަމުންދާ މަންޒަރުކަމަށާއި ނަތީޖާއެއްގެ ގޮތުން ބައިނަލްއަގްވާމީ މަސްރަޙުގެ ޙައްސާސީ މައްސަލަތައް ދޫކޮށް އެމެރިކާ ފައިބަންޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މިރިޕޯޓް ބުނެ އެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ޗެކަ ހެގްލް މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވުމުގެ ފަހަތުގައިވަނީ ވެސް ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާއަށް ލިބެމުންދާ ނާކާމިޔާބީތައްކަމަށް ވަނީ ބެލެވިފަ އެވެ. މުރާސިލުން ބުނާގޮތުން ޗަކް ހެގްލް މަގާމުން އިސްތިއުފާދެއްވީ، ހޭގްލްގެ ދިފާއީ ވަޒީރުކަމުގައި އެމެރިކާއަށް ލިބެމުންދާ އަސްކަރީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އޭނާގެ ނުކުޅެދުންތެރިކަމާއި ނާގާބިލްކަން ފާހަގަކުރެއްވިގެން މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ބަރަކް އޮބާމާ އޭނާ އަށް ބާރު އެޅުއްވުމުންނެވެ.

އަނެއްކޮޅުން އެމެރިކާގެ ސްޓްރެޓީޖިކް ދިރާސާތަކާބެހޭ މަޖައްލާއެއް ކަމަށްވާ ފޮރިން ޕޮލިސީ ބުނާގޮތުން އައިއެސްއާ ކުރިމަތިލުމުގައި އެމެރިކާއަށް ކުރިމަތިވެފައިވާ ނާކާމިޔާބީއަކީ އިރާގާއި ސޫރިޔާގައި ހިނގަމުންދާ އަރާރުމާއި ތަޅާފޮޅުންތަކުގެ ޙަގީގީ ސަބަބުތައް އެމެރިކާއަށް ނޭންގުމެވެ. ނޫނީ އެސަބަބުތައް އެމެރިކާ އަށް ވަޒަން ނުކުރެވުމެވެ. މިގޮތުން އިރާގާއި ސޫރިޔާއަށް ކުރިމަތިވެފައިވާ ހަގީގީ މައްސަލަތަކަށް ބެލުމެއްނެތި އެމައްސަލަތަކާ މުޅިން ވަކިން އައިއެސްގެ މައްސަލަ ހައްލުކުރަން އެމެރިކާ އުޅޭކަމަށް ބެލެވޭ ކަމަށާ އެކަން އެމެރިކާއަށް ނުކުރެވޭނެ ކަމަށް ފޮރިން ޕޮލިސީ މަޖައްލާ ބުނެ އެވެ.
2003 ވަނަ އަހަރު އެމެރިކާ ގަދަބާރުން އިރާގަށް އަރައިގަނެ ކުރި ދިގުލީ ހަނގުރާމައާއި އެހަނގުރާމައިގެ ސަބަބުން އިރާގުގެ ރައްޔިތުންނަށް ލިބުނު އާދަޔާ ޚިލާފު އަނިޔާތަކަކީ ބަދަލުހިފުމުގެ ރޫޙެއްގައި އައިއެސް ޖަމާއަތް އިރާގުގައި ފާޅުވުމަށް މެދުވެރިވި އެއް ސަބަބު ކަމަށް ގިނަ ފަރާތްތަކަކުން ދެކެ އެވެ.