01 Dec 2014, 09:09
ގާހިރާ (ޑިސެމްބަރު 1): މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި އޭނާގެ ދެ ދަރިންނާއި އައުވާނުންގެ މައްޗަށް ކޮށްފައިވާ މީހުން މެރުމާއި ޚިޔާނާތުގެ ތުހުމަތުތަކުން އެމީހުން ބަރީއަވާ ކަމަށް ގާހިރާގެ ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމާ ދެކޮޅަށް މިސްރުގެ ޔުނިވަރސިޓީތަކުގެ ދަރިވަރުން ވަރަށް ވަރުގަދައަށް އިޙްތިޖާޖް ކުރަމުން އެބަގެންދެ އެވެ.
ގާހިރާއާއި އިސްކަންދަރިއްޔާފަދަ މިސްރުގެ ބޮޑެތި ސިޓީތަކުގައިވާ ޔުނިވަރސިޓީތަކުގެ ލައްކައަކަށް ވުރެ ގިނަ ދަރިވަރުން ޔުނިވަރސިޓީތަކުގެ އެތެރެއާއި ބޭރުގައި މިކަމާދެކޮޅަށް ވަރަށް ވަރުގަދައަށް އިޙްތިޖާޖްކޮށް މުޒާހަރާތައް ކުރަމުން ގެންދާއިރު މިކަން ކިޔަވާކުދިންގެ އުތުރިއެރުމެއްގެ ކަމަށް މުރާސިލުން ސިފަކުރެ އެވެ. މިސްރުގެ ޔުނިވަރސިޓީތަކުގެ ދަރިވަރުން ކުރީގެ ރައީސް މުބާރަކާ ދެކޮޅަށާއި މިހާރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ޝިޢާރުތައް އުފުލައި މުޒާހަރާތައް ކުރަމުން ގެންދަނީ ފަސޭހައިން ރޫޅާލެވޭ ވަރަށްވުރެ މާފުޅާދާއިރާއެއްގައި މާ ވަރުގަދައަށް ކަމަށް ޚަބަރުތައް ބުނެ އެވެ.
މުބާރަކާއި އޭނާގެ ދެ ދަރިންނާއި މުބާރަކުގެ އެންމެ ފަހުދައުރުގައި ދާޚިލީ ވަޒީރުކަން ކުރެއްވި ޙަބީބުލްއާދިލީ އާއި އިތުރު ހަ މީހަކު ކުށްވެރިނުވާ ކަމަށް ކޮށްފައިވާ ޙުކުމާދެކޮޅަށް މުޒާހަރާތައްކުރަމުން ގެންދާ ދަރިވަރުންގެ ތެރޭގައި މިސްރުގެ ބޮޑެތި ޔުނިވަރސިޓީތަކުގެ ދަރިވަރުން ހިމެނެ އެވެ. މީގެ ތެރޭގައި ގާހިރާ ޔުނިވަރސިޓީއާއި އަލްއަޒްހަރު ޔުނިވަރސިޓީ އާއި އިސްކަންދަރިއްޔާ ޔުނިވަރސިޓީއާއި ޒަގާޒީގް ޔުނިވަރސިޓީއާއި ތަންތާ ޔުނިވަރސިޓީއާއި އަސްޔޫތް ޔުނިވަރސިޓީ ފަދަ އެތައް ޔުނިވަރސިޓީއެއްގެ ލައްކައަކަށް ވުރެ ގިނަ ދަރިވަރުން ހިމެނެ އެވެ.
މި މުޒާހަރާތަށް ރޫޅާލުމަށް ޓަކައި މިސްރުގެ ފުލުހުން ކަރުނަ ގޭހާއި ރަބަރު އުންޑައާއި ލަޓިބުރިއާއި އެނޫން ވެސް އެތައް ވަސީލަތްތަކެއް ބޭނުން ކުރުމުގެ ސަބަބުން އެތަށް ދަރިވަރުންނެއް ޒަޚަމްވެފައިވީ ނަމަވެސް ރޭގައި ވެސް މުޒާހަރާތައް ނިމުމަކަށް އައިސްފައެއް ނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މުބާރަކާއި އޭނާގެ އައުވާނުންގެ މައްޗަށް ކުރި ހުކުމާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މިސްރުގެ އާންމުން ވެސް ވަނީ ގާހިރާގެ ބޮޑެތި މައިދާންތައް ކަމަށްވާ އަބްދުލްމުންޢިމް ރިޔާޒް މައިދާނުގައާއި ތަހްރީރު މައިދާނުގައި ވަރުގަދަ އިޙްތިޖާޖްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ.
އެ އިޙްތިޖާޖްތައް ރޫޅާލުމަށް ޓަކައި މިސްރުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ހަ މީހުން މަރުވެފައިވާއިރު އެތައް ސަތޭކަބަޔަކު ހައްޔަރުކޮށްފައިވެ އެވެ. މުރާސިލުން ބުނާ ގޮތުން މިސްރުގެ އާންމުންނާއި ޔުނިވަސިޓީތަކުގެ ދަރިވަރުން މިހާރު ކުރަމުން ގެންދާ އިޙްތިޖާޖްތަކަކީ މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާހް އައްސީސީގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ހިނގަމުންދާ އުތުރި އެރުމެކެވެ. މިއީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު މިސްރުގެ އާންމު ރައްޔިތުން ތެދުވި ތެދުވުން ފަދަ އުތުރި އެރުމަކަށް ވެދާނެކަމުގެ ބިރު ސީސީގެ ސަރުކާރުން އިޙްސާސް ކުރަމުން ގެންދާކަމަށް ޚަބަރުތައް ބުނެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރު މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމާ ދެކޮޅަށް އުތުރިއެރި މިސްރުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން އަށްސަތޭކައަށް ވުރެ ގިނަ އާންމުން މަރުވެފައިވެ އެވެ. (އަލްޖަޒީރާ)