މާލޭ ޕްރީ ސްކޫލްތަކުގައި މިއަހަރު ކިޔެވި ދަރިވަރުންގެ ތެރެއިން ކުރިއަށް އޮތް ދިރާސީ އާ އަހަރު މާލޭގެ ސްކޫލްތަކަށް ދަރިވަރުން ބަހާފައިވާ ގޮތުގެ މައުލޫމާތު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އާންމުކޮށްފި އެވެ.

ގްރޭޑް އެކަކަށް ބަދަލުވި ދަރިވަރުންގެ މައުލޫމާތު މިހާރުވަނީ،މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވެބްސައިޓްގައި އާންމުކޮށްފައެވެ. އެގޮތުން، އެ ވެބްސައިޓްގައި ދަރިވަރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖެހުމުން އެ ދަރިވަރަކަށް ޖާގަ ލިބިފައިވާ ސްކޫލް އެނގޭނޭ ގޮތަށް ހަދާފައިވެއެވެ.

ދިރާސީ އާ އަހަރު މާލޭގައި ހުރި ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ދަރިވަރުން ބެހިފައިވާ ގޮތް --

މާލޭގައި ހުރި ސްކޫލްތަކުން ދަރިވަރުންނަށް ޖާގަދީފައިވާ ގޮތަށް ބަލާއިރު، ޖުމުލަ 2076 ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުންނަށް ގްރޭޑް އެކަކުން މިފަހަރު ޖާގަ ދީފައިވަނީ، އިސްކަންދަރު ސްކޫލުންނެވެ. އެގޮތުން އެ ސްކޫލުން 296 ދަރިވަރަކަށް ގްރޭޑް އެކަކުން އަލަށް ޖާގަދީފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ ދަރިވަރުން އެކަކަށް ވައްދާފައިވަނީ ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލަށެވެ. އެ ސްކޫލުން 237 ދަރިވަރުންނަށް ޖާގަދީފައިވާ އިރު ތިންވަނައަށް އެންމް ގިނައިން ގްރޭޑް އެކަކުން ޖާގަދީފައިވަނީ ޖާމާލުއްދީން ސްކޫލަށެވެ. އެއީ 227 ކުދީންނެވެ. އިމާދުއްދީން ސްކޫލްގެ އެކަކުން 220 ދަރިވަރުންނަށް ޖާގަދީފައިވާ އިރު ދެން އެމެ ގިނައީ 215 ދަރިވަރުން ވެއްދި ކަލާފާނު ސްކޫލެވެ.

މާލޭގައި ހުރި ސަރުކާރު ސްކޫލްތަކުގެ ތެރެއިން އެންމެ މަދުން ގްރޭޑް އެކަކަށް ކުދިން ވައްދާފައި ވަނީ ހިރިޔާ ސްކޫލާއި މުހުޔިއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލަށެވެ. އެއީ ހިރިޔާއަށް 70، މުހުޔިއްދީނަށް 74 އަދި މަޖީދިއްޔާއަށް 96 ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އިއްޔެ ވިދާޅުވެފައިވަނީ، އަންނަ އަހަރު ރާއްޖޭގެ އެކި ސްކޫލްތަކުން ގްރޭޑް އެކަކަށް ދާ ދަރިވަރުންގެ އަދަދު 11.3 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

ވަކި ސްކޫލުތަކަކަށް ވެއްދުމަށް އެދިފައިވާ ކުދިން އެ ސްކޫލުތަކަށް ބެހުމުގެ މަސައްކަތް ކުރަމުންދިޔައިރު މިނިސްޓްރީން އެންމެ ބޮޑަށް ބަލާފައި ވާނީ އެ ދަރިވަރެއް އުޅޭތަނަކާ އެންމެ ކައިރި ސްކޫލަކުން ޖާގަ ހޯދައިދިނުމަށް ކަމަށްވެސް ޑރ. އާއިޝަތު ޝިހާމް އިއްޔެ ވިދާޅުވި އެވެ.