ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް، "ޕްރެސިޑެންޓްސް ކަޕް"ގެ ފައިނަލް މެޗުގައި މިރޭ އީގަލްސްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައި، ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް އެ މުބާރާތުގެ ތަށި މިލްކު ކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި މިހާތަނަށް މިލްކު ކޮށްފައިވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުން އެކަންޏެވެ. އެ ކްލަބުން މި މުބާރާތުގެ ތަށި ދެ ފަހަރު މިލްކުކޮށްފައި ވާއިރު، ވޭތުވެދިޔަ 35 އަހަރު ތެރޭގައި ނިއުއަށް މި މުބާރާތް މިލްކު ކުރާން މީގެ ކުރިން ފުރުސަތު ލިބުނީ 1992 ވަނަ އަހަރު އެވެ. އެފަހަރު ނިއުގެ ހުރަހަކަށްވީ ވިކްޓަރީ އެވެ.

"ޕްރެސިޑެންޓްސް ކަޕް" މުބާރާތުގެ ރޭ ކުޅުނު ފައިނަލް މެޗުގެ ތެރެއިން---ސަން ފޮޓޯ: ފަޔާޒު މޫސާ

ނިއުއިން މިރޭ މިލްކު ކުރި ގައުމީ މުބާރާތުގެ ތަށި، އެޓީމަށް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މިދިޔަ ސީޒަންގެ ހުރިހާ ތައްޓެއް އުފުލައިލި ނިއުއިން މިފަހަރުގެ ދިވެހި ލީގުވެސް ކާމިޔާބު ކޮށްފައި ވާއިރު، އެޓީމަށް މި ސީޒަންގައި ގެއްލުނު މުބާރާތަކީ އެފްއޭކަޕެވެ. އެފްއޭ ކަޕްގެ ފައިނަލްގައި އެ ޓީމް ވަނީ ޕެނަލްޓީ ޖަހައިގެން، 3-4 ގެ ނަތީޖާއަކުން މާޒިޔާ އަތުން ބަލިވެފައެވެ.

މިއީ 1980 ވަނަ އަހަރު ބާއްވާންފެށި ގައުމީ ފުޓްބޯޯޅަ މުބާރާތުގެ ތަށި ނިއުއިން އުފުލައިލި 11 ވަނަ ފަހަރެވެ. އެ ކްލަބު ވަނީ މި މުބާރާތުގެ ފައިނަލްގައި ޖުމުލަ 20 ފަހަރު ވާދަކޮށްފައެވެ.
"ޕްރެސިޑެންޓްސް ކަޕް" މުބާރާތުގެ ރޭ ކުޅުނު ފައިނަލް މެޗުގެ ތެރެއިން---ސަން ފޮޓޯ: ފަޔާޒު މޫސާ

މިރޭގެ މެޗުގެ ފުރަތަމަ ވަގުތުކޮޅު ގޭމް ކޮންޓްރޯލްކޮށްފައި ވަނީ ނިއު އެވެ. ފުރަތަމަ 20 މިނެޓުތެރޭގައި އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ފުރަތަމަ ހާފްގެ ފުރަތަމަ ވަގުތުކޮޅުގައި އީގަލްސްއަށް ވަނީ ހަމަޖެހިލާނެ ވަގުތެއް ނުލިބިފައެވެ. ނިއުގެ ބޭރު ކުޅުންތެރިޔާ ޑޭވިޑް ކަނާތް ފަރާތުން ރީތި ނެގުންތަކެއް ނަގައިދީފައި ވާއިރު، އީގްލްސް ކީޕަރު ފައިސަލްގެ ފަރާތުން ރަނގަޅު ސޭވްތަކެއް ފެނިގެން ދިޔައެވެ.

ހާފްގެ ކުރީކޮޅު އީގަލްސްގެ މިޑްފީލްޑުން ގިނަ މިސްޕާސްތަކެއް ފެނިގެން ގޮސްފައި ވާއިރު، މި ހާފްގައި އީގަލްސް ޓީމް ހަމަޔަކަށް އެޅި، ކުރިއަށް ޖެހިލައިގެން ކުޅެން ފަށާފައި ވަނީ މެޗުގެ ފަހު 15 މިނެޓުގައެވެ. އީގަލްސްގެ މިޑްފީލްޑުން ކުޅުން ރަނގަޅުކޮށް، މި ވަގުތުތެރޭ އެ ޓީމްގެ ފޯވާޑް ލައިނަށް ގިނަ ބޯޅަ ތަކެއް ސަޕްލައި ކޮށްދިނެވެ.
"ޕްރެސިޑެންޓްސް ކަޕް" މުބާރާތުގެ ރޭ ކުޅުނު ފައިނަލް މެޗުގެ ތެރެއިން---ސަން ފޮޓޯ: ފަޔާޒު މޫސާ

ދެވަނަ ހާފްގެ ފެށުން ރަނަގަޅު ކޮށްފައި ވަނީ އީގަލްސް އެވެ. އެ ޓީމުން ކުރިއަށް ޖެހިލާ، ނިއުގެ ޑިފެންސަށް ޕްރެޝާ ކުރަން ފެށިއިރު، ނިއުއަށް ވަނީ ކައުންޓާ އެޓޭކްތަކުގައި މިސްޕާސްތަކެއް ހެދި ގިނަ ބޯޅަތަކެއް ގެއްލިފައެވެ.

ދެވަނަ ހާފްގެ ފަހުކޮޅު ނިއު ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. މި ހާފްގައި ވަގުތުކޮޅުތެރޭ ނިއުގެ ފަޒީލް (އޮއްޕޮ) އަދި އުމޭރުގެ ފަރާތުން ރަނގަޅު މަސައްކަތްތަކެއް ފެނިގެން ދިޔައެވެ. ކައުންޓާގައި އީގަލްސްއަށް ގިނަ ބޯޅަތަކެއް ގެއްލިފައި ވާއިރު، އެ ޓީމަށް ކުޅުން ރަނގަޅު ކުރެވިފައި ވަނީ މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމްގެ އަދުހަމް ކުޅެން އެރުމުންނެވެ. ފަހު ފަސް މިނެޓުގައި ދެ ޓީމުންވެސް ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައި ވާއިރު، މެޗުގެ ފުރިހަމަ ވަގުތު ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ދެ ޓީމްވެސް ދައްކާފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފްގައި ވާރޭ ވެހެން ފެށުމުގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫތަކަކާ ކުރިމަތިވިއެވެ.
"ޕްރެސިޑެންޓްސް ކަޕް" މުބާރާތުގައި ރޭ ކުޅުނު ފައިނަލް މެޗު ނިންމާލުމަށް ފަހު އޮތް ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: ފަޔާޒު މޫސާ

މެޗުގައި ނިއުއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބު ކުރެވުނީ އިތުރުވަގުތުގެ ދެވަނަ ހާފްގައެވެ. އިތުރު ވަގުތުގެ ދެވަނަ ހާފްގެ ފުރަތަމަ މިނެޓުތެރޭ ނިއުއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެ ޓީމްގެ އަލީ ފާސިރު (ސެންޓޭ) އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން އޭނަ ޖެހި ބާރު ޝޮޓު އީގަލްސްގެ ގޯލު ތެރެއަށް ވަދެފައި ވަނީ އެ ޓީމްގެ ޑިފެންޑަރެއް ގައިގާ ޖެހިފައެވެ.

ތަޖުރިބާ ގިނަ ކުޅުންތެރިންތަކަކާއެކު ނިއު މިފަހަރުގެ ތަށި މިލްކުކޮށްފައި ވާއިރު، މިއީ އީގަލްސް މި މުބާރާތުގެ ފައިނަލް ކުޅުނު ފުރަތަމަ ފަހަރެވެ.