މުޖުތަމަޢުގައި އެ ބަޔަކަށް ޚާއްސަ މަޤާމުތަކެއް ލިބިފައިވާ އެތައް ބަޔަކު ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ. އޭގެ ތެރެއިން ގިނަ މީހުންގެ މަޤާމަކީ އެ ބަޔަކަށް ވަކީން މަންފާ ހުރި، އެހެން މީހުންނަށް އޭގެ ލާބަ ކުޑަ މަޤާމުތަކެއްކަން ވެސް އިޙުސާސްވެވަޑައިގަންނަވާނެއެވެ. މި ދެންނެވި ފަދަ މީހުންނަށް މަޤާމުތައް ލިބިފައި ވުމަކީ ދުޅެހެއި މުޖުތަމަޢަކަށް ވަރަށް ވެސް ބޮޑު ނުރައްކަލެކެވެ. ކިތަންމެހައި ވެސް ބިރުގަންނާން ޖެހޭ ބައްޔެކެވެ.

އަމިއްލަފުޅަށް ވިސްނައިވަޑައިގެން ބައްލަވާށެވެ. ޤައުމުގެ އިޖުތިމާޢި ރައްކާތެރިކަން ގަރަންޓީކޮށްދޭ އިދާރާގެ އެންމެ އިސްކޮށްހުރި މީހަކީ ފަސާދައިގެ ފަސްމަންޒަރެއް އޮތް މީހެކެވެ. އޭނާއާ ގުޅިގެން މިހާރު ވެސް ދެކެވެމުން ދަނީ ފަސާދައިގެ ޢަމަލުތަކުގެ ވާހަކައެވެ. އެހެން ކަމުގައި ވާ ނަމަ ސާބިތު ވަނީ އޭނާގެ މަޤާމު ބޭނުންކުރެވެމުން ދަނީ ހުއްދަ ނޫން ފައިދާތަކެއް ލިބިގަތުމަށްޓަކައި ކަމަށް ތޯއެވެ؟ ނުވަތަ އަމިއްލަ އެދުމެއް ނެތި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގެ ގޮތުން ކަމަށް ތޯއެވެ؟ އިންތިޚާބީ ދާއިރާއެއް ތަމްސީލުކުރަން ސިޔާސީ މަޤާމެއްގައި ހުންނަ މީހަކު މަސައްކަތްކުރަމުން ގެންދަނީ އޭނާގެ ޖީބު ބަރުކުރުމަށެވެ. އޭނާގެ އަރައިދުއްވާ ނުވަތަ ފުރައިދުއްވާ ތަކެތީގެ ޙާލަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށެވެ. އޭނާގެ އެކުވެރީންނާއި ގާތްތިމާގެ މީހުންނާއި ޘަނާކިޔާ މީހުންގެ ޙާލަތު ރަނގަޅުކުރުމަށެވެ. އޭނާގެ އިންތިޚާބީ ދާއިރާގެ ރައްޔިތުންގެ އެންމެ އާދައިގެ އަސާސީ ބޭނުންތަކާމެދު ވެސް ވަނީ އަޅައިނުލައި ދޫކޮށްލައިފައެވެ. އެހެން ކަމުގައި ވާ ނަމަ އޭނާއަކީ އަމިއްލަ އެދުމެއް ނެތް، ޢާއްމު ރައްޔިތުންގެ ޚާދިމެއްތޯއެވެ؟

އިސްވެދެންނެވި ބާވަތުގެ ކަންތައްތައް ފިޔަވައި ވެސް އެކަމެއްގެ ހަމައެކަނި ނަމާ ގުޅިގެން ވެސް ޒިންމާއާއި މަސްއޫލިއްޔަތުގެ ތަސައްވުރުތަކެއް އުފެދިގެން އަންނަ އެތައް ކަންތައްތަކެއް ހުރެއެވެ. އާދޭހެވެ. ޤައުމެއްގެ ރަށްވެއްސަކަށް ވުމެވެ. އާމްދަނީ ހޯދުމަށްޓަކައި މަސައްކަތެއް ޚިޔާރުކުރުމެވެ. ކިޔަވައިދިނުމާއި ތަރުބަވީ ޒިންމާތައް އަދާކުރުމެވެ. މި ދެންނެވި ބާވަތުގެ ކަންތައްތަކާމެދު ޚިޔާލުކޮށްލާއިރު ވެސް ކޮންކޮން ކަމަކުން ފައިދާކުރަމުން ދަނީ ކޮންކޮން ބަޔަކަށް ކިހާވަރަކަށް ކަން ދާދި ފަސޭހައިން ބަލައިލެވިދާނެއެވެ. ޤައުމެއްގެ ރައްޔިތެއްގެ މަސްއޫލިއްޔަތަކީ އެ ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުމުގައި އޭނާގެ ދައުރު އަދާކުރުމެވެ. އެކަމަކު އޭނާގެ މަސައްކަތަކީ ޤައުމުގައި ފިތުނަ ފަސާދަ އުފެއްދުމާއި އަމަން އަމާންކަން ނަގައިލުން ކަމުގައި ވާނަމަ އޭނާއަކީ އޭނާގެ ޙަޤީޤީ މަޤާމަކީ ކޮބައިކަން ރޭކާނުލާ މީހެކެވެ. މި ބާވަތުގެ ފަސްމަންޒަރުތަކަށް އިންސާފުވެރި ނަޒަރަކުން ބަލައި އެއްޗެއް ދަންނަވާ ނަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ވާން ޖެހޭނީ އަޅުގަނޑުމެންގެ އަމިއްލަ ޒާތަށް ވެސް ފައިދާ ހުރި މީހަކަށެވެ. އަދި އެއަށްވުރެ މާ ބޮޑަށް އަޅުގަނޑުމެންގެ މުޖުތަމަޢަށް ލާބައާއި މަންފާ ހުރި މީހަކަށެވެ.

އާދޭހެވެ. އަޅުގަނޑުމެން ވާން ޖެހޭނީ މާތްﷲ ލޯބިވެވޮޑިގެންވާ މީހުން ކަމުގައެވެ. އެކަލާނގެ އަޅުތަކުންވެސް ރުހި ޤަބޫލުވާ ބަޔަކު ކަމުގައެވެ. މާތްﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ބޭނުން ވަނީ އަޅުގަނޑުމެން އަބަދުވެސް ރީތި ޚުލުޤުތަކުގައި ސާބިތުވެތިބުމެވެ. ތެދުވެރިކަމުގައި ތިބުމެވެ. އީމާންކަން ވަރުގަދަކުރުމެވެ. ތިމާ ކުރާ ކޮންމެ ކަމަކާއި، ތިމާ ބުނާ ކޮންމެ ބުނުމެއްގައި ވެސް އަމާޒަކީ މާތް ﷲ ގެ ރުހިވޮޑިގަތުމާއި، އެކަލާނގެ ޙަޟުރަތުގައި ލޮބުވެތި މަޤާމެއް ލިބުން ކަމުގައި ހެދުމެވެ. މީސްތަކުންގެ ހިތްތަކުން ތިމާޔަށްޓަކައި ޖާގައެއް ހޯދަން އުޅުމުގެ ބަދަލުގައި އަނެކުންގެ ފުށުން ތާރީފަކަށް ނުވަތަ ޝުކުރަކަށް އެދުންވެރިނުވެ ޚިދުމަތުގެ ރޫޙުގައި ޚިދުމަތްކުރުމެވެ. އަނެކުންނަށް ލިބިފައިވާ ނިޢުމަތާއި މަޤާމާ މެދު ތިމާގެ ހިތުގައި ކުޑަވެސް ދަހިވެތިކަމެއް ނުބޭއްވުމެވެ.

ތެދުފުޅެކެވެ. ތިމާ ދުނިޔޭގައި ދިރިހުރެމެ، ދުނިޔޭގެ ލައްޒަތްތަކުން ތިމާ ލިބިގަންނަ ބައި ކުޑަކޮށް އެހެން މީހުންނަށް ފައިދާ ލިބޭ މިންވަރު އިތުރުކޮށްދޭން މަސައްކަތްކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ތިމާގެ ކިބައިގައި މި ކަހަލަ ޖަޒުބާތެއް ހޭލައްވައިލުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ވަރަށް އުހަށް އަރައިގެން ބޮންތިއެއް އަތުލުމެވެ. ޝައްކެއް ނެތެވެ. އިންސާނީ ޙައްޤުތައް އަދާކުރުމަކީ ވަރަށް އުސް ކުންނަކަށް ވާސިލުވުމެވެ.