05 Apr 2010, 11:05
14:30
ކުށް މަދުކުރުމަށް ހާއްސަ ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ދައުލަތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބިލަކީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި ބިލަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި ބިލުގައި ހިމެނޭ ބައެއް ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ތޮއްޑޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވީ މި ބިލަކީ، ސަރުކާރުގެ މައްޗަށް އިދިކޮޅު ފަރާތްތަކުގެ އަޑު ގަދަވެގެންދާތީ އެކަންތައް ހުއްޓުވައި، އެފަދަ އަޑުތައް އުފުލާ މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. ނަމަވެސް އެ މަގުސަދު ހާސިލްނުވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަލީ ވަހީދުގެ އިތުރުން މި ބިލަށް ވާހަކަ ދެއްކެވި ސަރުކާރާ ދެކޮޅު އެހެން މެންބަރުން ވެސް މި ބިލުގައި ގާނޫނު އަސާސީއާ ތައާރަޒުވާ މާއްދާތަކެއް ހިމެނޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ މިނިވަންކަން މި ބިލުން ނިގުޅައިގަންނަ ކަމަށާއި، ހެއްކަށް ބެލުމެއް ނެތި އަމިއްލަ އިއުތިރާފް ހިމެނޭ ވީޑިއޯ ޝަރީޢަތަށް ހުށަހަޅައިގެން މައްސަލަ ސާބިތުކުރެވޭ ބައެއް ހާލަތްތައް ބިލުގައި ހިމެނޭތީ އެކަމަށް ވެސް އެ މެންބަރުން ފާޑުވިދާޅުވި އެވެ.
ބިލަށް ވާހަކަ ދައްކަވަމުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވިދާޅުވީ، މިހާރަކަށް އައިސް ގައުމުގައި ހިނގަމުންދާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް މި ބިލް ގާނޫނަކަށް ހެދުން މުހިއްމު ކަމަށެވެ. އަދި ގާނޫނު އަސާސީން ލިބިދީފައިވާ ހަނުހުރުމުގެ މިނިވަންކަން ބޭނުންކޮށްގެން ބޮޑެތި ވަގުން ސަލާމަތްވަމުންދާ ކަމަށް ވެސް އެ މެންބަރުން ފާހަގަކުރެއްވި އެވެ. އަދި ކުށްކުރަމުންދާ ބަޔަކަށް މިފަދަ ގާނޫނެއްގެ މުހިއްމުކަން ނޭނގޭނެ ކަމަށް ވިދާޅުވެ އެ މެންބަރުން ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިޔާސީ ދައުރު ބަދަލުކުރުމުގެ ބިލްގެ ބަހުސް ވެސް ވަނީ ކުރިއަށްގެންދަވައިފަ އެވެ. އެ ބިލްގެ ބަހުސްގައި ބިލަށް ފާޑުވިދާޅުވަމުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، މި ބިލަކީ މި ވަގުތަށް ބޭނުން ބިލެއް ނޫން ކަމަށެވެ. އަދި މި ގައުމީ ޔުނިވާސިޓީގެ ބިލާއި ޖިނާއީ އިޖުރާތުގެ ބިލު ފަދަ ރައްޔިތުންނަށް މުހިއްމު ބިލްތަކެއް ހުއްޓައި މިފަދަ ބިލެއް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ ސަރުކާރަށް ދަތިކުރުމަށް ކުރާ ކަމެއް ކަމަށާއި، މި ބިލަކީ ވެރިކަމަށް ބޭނުންވެފައިވާ ބަޔަކު ހުށަހަޅައިގެން އުޅޭ ބިލެއް ކަމަށް ވެސް މި ބިލަށް ފާޑުވިދާޅުވަމުން އެ މެންބަރުން ވިދާޅުވި އެވެ. މި ބިލް ހުށަހެޅުއްވީ ގައުމީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.
އެ މެންބަރުންގެ ބައެއް ވާހަކަތަކަށް ޖަވާބު ދެއްވަމުން ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ޖިނާއީ އިޖުރާތުގެ ބިލު މަޖިލީހަށް އައިސްފައިނުވާ ކަމަށާއި ޔުނިވާސިޓީގެ ބިލު ކޮމިޓީން ނިންމިހާ އަވަހަކަށް މަޖިލީހުގެ ތަޅުމަށް ގެންނަވާނެ ކަމަށެވެ.
ރިޔާސީ ދައުރު ބަދަލުކުރުމުގެ ބިލަށް ވާހަކަ ދައްކަވަމުން އިދިކޮޅު ފަރާތްތަކުން ވިދާޅުވީ މިއީ މުހިއްމު ބިލެއް ކަމަށެވެ. އަދި މިޑްޓާމް އިލެކްޝަނެއް ބާއްވަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވާއިރު މި ބިލަކީ މި ވަގުތަށް މުހިއްމު ބިލެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އަމިއްލަ މެންބަރުން މަޖިލީހަށް ބިލު ހުށަހަޅުއްވަން ޖެހެނީ، ސަރުކާރުން އެކަށީގެންވާ ބިލުތައް މަޖިލީހަށް ހުށަހަޅަމުންނުދާތީ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ޓެކްސް ނެގުމުގެ ބިލާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ބިލު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ.