30 Nov 2014, 22:47
މާލެ ސިޓީ ކައުންސިލް އިދާރާގެ ތެރެއަށް ވަދެ އެތަން ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ ފުލުހުން ގެންދިޔަ ސިޓީ ކައުންސިލްގެ އިދާރާ އިން ގެންދިޔަ ތަކެއްޗާއި ކޯޓުން ނެރެފައިވާ އަމުރާއި އެއްވެސް ގޮތަކަށް ދިމާ ނުވާ ކަމަށެވެ.
މެޔަރު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުގައި މިއަދު އިސްތިއުނާފު ކުރީ، އެ އަމުރުގެ ދަށުން ފުލުހުން ސިޓީ ކައުންސިލްގެ އިދާތެރެ ބަލައިފާސްކޮށް އެތަނުގެ ކޮމްޕިއުޓަރުތައް ފަދަތަ ތަކެތި ގެންދިޔުމުގެ ސަބަބުން އެ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްނުދެވޭތީ ކަމަށެވެ.
"ގެންދެވި އެއްޗެއްސަކާއި ކޯޓުން އަމުރު ދީފައި އޮތް ގޮތަކާއި އެއްވެސް ވަރަކަށް ދިމަލެއް ނުވެ. އަޅުގަނޑުމެން އެހެންވީމަ މިއަދު ހައިކޯޓުގައި މައްސަލަ އެޕީލް ކޮށްފިން. އެ އެއްޗެހިން ނުލިބޭތީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާތީ ]އިސްތިއުނާފު މިކުރީ]،" ޝިހާބު ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ އިދާރާގައި ހުރި ބައެއް ތަކެތި ފުލުހުން ގެންދިޔުމުގެ ސަބަބުން މާލޭގެ ގެތައް އިމާރާތް ކުރުމުގެ ހުއްދަދޫކުރުން ވެސް ހުއްޓިފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުމެންނަށް ހުއްދަ ދެވޭކަށް ނެތް. އަޅުގަނޑުމެންނަށް ފޯމްތައް ބަލާގަނެވޭކަށް ނެތް. ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލުން ކޮށްދެންޖެހޭ ހުރިހާ ކަމެއް މިހާރު މިއޮތީ ހުއްޓިފައޭ ދެންނެވިއަސް މުޅިއަކުން ދޮގަކަށް ނުވާނެ،" ޝިހާބު ވިދާޅުވި އެވެ.
ފުލުހުން ގެންދިޔަ ތަކެތީގެ ތެރެއިން ސާވާގެ ހާޑު ޑިސްކު ފިޔަވައި އެހެން އެއްވެސް އެއްޗެއް ހަވާލުކޮށްފައިނުވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.