ވިލިމާލެއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޏ. ފުވައްމުލައް މެދުގޭ މުހައްމަދު މާޖިދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ 11:00 އެހައިކަންހާއިރު ވިލިމާލެއަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ، މާޖިދު ވިލިމާލޭ ފެރީއަށް އެރުމާއެކު ފުލުހުން އޭނާއަށް ފާރަލައި އޭނާ ވިލިމާލޭއަށް ފޭބިވަގުތު ހައްޔަރުކޮށް ބަލައި ފާސްކުރި އިރު އޭނާގެ އަތުގައި އޮތް ކޮތަޅު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 20 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި އެ ޕެކެޓުތަކުގައިވާ ތަކެތި ލެބޯޓަރީގައި ތަހުލީލު ކުރި އިރު 19.9 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެ ހުކުމްގައި ވަނީ އެ ތަކެއްޗަކީ މާޖިދުގެ ތަކެތި ނޫން ކަމަށް އޭނާ ބުނިކަމުގައިވިޔަސް، އެތަކެތި ހޯދާފައި ވަނީ އޭނާގެ އަތުގައި އޮތް ކޮތަޅަކުން ކަމަށް ވެފައި، އެތަކެތީގެ އަތުގެ ވެރިޔަކީ އޭނާ ކަމުގައިވާއިރު، ޝަރީއަތާއި ގާނޫނުގެ ކުރިމަތީގައި އެތަކެތީގެ ޒިންމާ ނަގަންޖެހޭނެ ފަރާތެއް މާޖިދަށް ނުދެއްކޭހާ ހިނދަކު އެތަކެތީގެ ޒިންމާ އޭނާ ނަގަންޖެހޭނެ ކަމަށެވެ.

އޭނާ ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ހުކުމްގައި މާޖިދަށް ވަނީ އަންގާފައެވެ.