މާލެ ސިޓީގެ ހެންވޭރު ސަރަހައްދު ތަރައްގީ ކުުރުމުގެ ބޮޑު މަޝްރޫއުއެއް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ، ސިޓީ ކައުންސިލުން ވިސްނާފައި ވަނީ "ފުރަތަމަ ހެންވޭރު ސަރަހައްދު ތަކުގައިވާ ގެތަކާއި ބައެއް ބުލޮކްތަކުގައި މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް" ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުން މިހާރު ކުރަމުންދާ މަސައްކަތަކީ އެކަމުގެ ދިރާސާތައް ހެދުން ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ފުރަތަމަ ވިސްނާފައި މިއޮތީ ހެންވޭރު ކޮޅުގައި ހުރި ބައެއް ގެތަކަށް އަދި ބައެއް ބުލޮކްތަކުގައި އަޅުގަނޑުމެން ޕްރޮޖެކްޓުތަކެއް ރާވައިގެން ކުރިއަށް ގެންދަން އަޅުގަނޑުމެން ހިޔާލުކޮށްފައި މިއޮތީ. ދެން މިހާރު އަޅުގަނޑުމެން މިދަނީ މިކަމާ ބެހޭ ސްޓަޑީތަކެއް ހަދަމުން،" ޝިހާބު ވިދާޅުވި އެވެ.

"ސަން" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި މޭޔަރު ޝިހާބު ވިދާޅުވީ، ސިޓީ ކައުންސިލުން ހިންގާ މަޝްރޫއުގައި ހެންވޭރުގައި ދިިރިއުޅޭ މާލޭ ރައްޔިތުންގެ ތެރެއިން އެއް ބުރިއަށް ނުވަތަ ދެ ބުރިއަށް ގެ ހަދަވާފައިވާ ފަރާތްތަކުން މި ޕްރޮގުރާމްގައި ބައިވެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ހަމަ އެއާއެކު މިހާރު އިމާރާތް ހަދަވާފައިވާ ފަރާތްތަކަށްވެސް މިކަމުން މަންފާތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިބަލަނީ މިކަމުގައި އެއްބުރިއަށް ދެބުރިއަށް ގެ ހައްދަވާފައިވާ ބޭފުޅުން މިކަމުގައި ބައިވެރިވާނެ ކަމަށް. ދެން އެހެންނަމަވެސް މިހާރު އިމާރާތް ހައްދަވާފައިވާ ބޭފުޅުންނަށްވެސް މީގަ އިނގޭތޯ ފައިދާތަކެއް އަދި މަންފާތަކެއް ވާނެ،" މޭޔަރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ރާވާފައިވާ މަޝްރޫއުގެ އެންމެ ބޮޑު ބޭނުމަކީ ރަނގަޅުގޮތެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށް ޝިހާބް ވިދާޅުވި އެވެ. އެގޮތުން ސިޓީ ކައުންސިލުން ތަރައްގީ ކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މުސްތަގުބަލުގައި ރަނގަޅު ބޯހިޔާވަހިކަމެއް ލިބިގެންދާނެ ކަމަށްވެސް މާލެ ސިޓީގެ މޭޔަރު ޝިހާބު ވިދާޅުވި އެވެ.

"ބައެއްބޭފުޅުން ވިދާޅުވެދާނެ ކީއްވެހޭ މިކަން ކުރިންވެސް ނުވީ. ދަންނަވަންތޯ ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި އަޅުގަނޑުމެންނަށް. އެހެންވީމަ އަޅުގަނޑުމެން މިހާރު މިދަނީ މިކަންކަން ސްޓަޑީކޮށް ބަލަމުން،" ސިޓީ ކައުންސިލުގެ މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫއުގެ ސަބަބުން ހެންވޭރު ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް ރަނގަޅު ބޯހިޔާވަހިކަމެއްގެ އިތުރުން ރަނގަޅު އާމްދަނީ ލިބޭނެ މަގުތައްވެސް ތަނަވަސް ވެގެންދާނެ ކަމަށެވެ.

އެ މަޝްރޫއުގައި ތިން ހަރުފަތެއް ގިރާ ކުރަންޖެހޭ ކަމަށާއި ސިޓީ ކައުންސިލުން އެ މަޝްރޫއު ކުރިއަށް ގެންދާނީ ލޯނު ނަގައިގެން ކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ.

މާލެ ތަރައްގީކުރުމުގެ މަޝްރޫއުތަކެއްގެ ވާހަކަ މާލޭ ސިޓީ ކައުންސިލުން ދައްކާފައިވާއިރު، ހައުސިން މިނިސްޓްރީން އެކުލަވާލަމުން ގެންދާ ރާއްޖޭގެ ބިމުގެ ދަފްތަރުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ސާވޭ އޮތޯރިޓީން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ޕީޑީއެފް ފައިލްތަކުގެ މައުލޫމާތު އެ ކައުންސިލްގައި މަސައްކަތްކުރާ ބަޔަކު އެހެންފަރާތަކަށް ހިއްސާކޮށް ނާޖާއިޒު ފައިދާ ތަކެއް ނަގަމުންދާ ކަމަށްބުނެ، އެކަމާގުޅޭ ހެކި ގަރީނާ ހޯދުމަށް ފުލުހުން ވަނީ، ސިޓީކައުންސިލްގައި ހުރި ބައެއް ލިޔެކިޔުންތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސިޓީ ކައުންސިލުން ބުނަމުންދަނީ ފުލުހުން އޭރު ގެންގޮސްފައި ވަނީ، އެ ކައުންސިލުން ހެންވޭރު ތަރައްގީ ކުރުމަށްޓަކައި ގެންގުޅޭ ޕްލޭން ކަމަށެވެ.