30 Nov 2014, 20:09
އިންޑިއާގެ ކެރެލާ ސްޓޭޓުން ދޫނިރޯގާގެ ވައްތަރެއް ކަމުގައިވާ އެޗްފައިވް އެންވަން (H5N1) ޖެހިގެން ގިނަ އަދަދެއްގެ އަސްދޫނި މަރުވުމާ ގުޅިގެން ކުކުޅު ހިމެނޭ ގޮތަށް އެ ސްޓޭޓުން އެއްވެސް ދޫނެއްޏެއް އަދި ދޫނީގެ ބިހާއި ދޫނީގެ ބިހުން އުފައްދާފައިވާ އެއްޗެއް އެތެރެނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި އެވެ.
ދޫނިރޯގާއަކީ ދޫނި ސޫފާ ސޫއްޕަށާއި އެކި ބާވަތްތަކުގެ ޖަނަވާރުތަކަށް ވަރަށް ހަލުވިކަމާ އެކު ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. އާންމު ގޮތެއްގައި މިބަލި ޖެހޭ ތަކެތީގެ ތެރޭގައި އަސްދޫނި، ކުކުޅު، ސީނު ކުކުޅު، އޫރު، އަސް އަދި އިންސާނުންވެސް ހިމެނެ އެވެ.
ފިޝަރީޒް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ކެރެލާ ސްޓޭޓުން ދޫނިރޯގާގެ ވައްތަރެއްކަމުގައިވާ އެޗްފައިވް އެންވަން ޖެހިގެން ގިނަ އަދަދެއްގެ އަސްދޫނި މަރުވެފައިވާ ކަމަށެވެ. އެހެންކަމުން ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން އިންޑިޔާގެ ކެރެލާއިން މިދުވަސްވަރު އެއްވެސް ދިރޭ ދޫންޏެއް އަދި ކެއުމައް ބޭނުންކުރާ ދޫނިމަހާއި ދޫނި ބިސް ނުވަތަ ދޫނީގެ ބިހުން އުފައްދާފައިވާ ކާނާގެ ބާވާތްތައް ރާއްޖެއަށް އިމްޕޯޓްނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ނުރައްކާތެރި ދޫނިރޯގާއަކީ ދޫނިތަކުގެ ތެރޭގައި ވަރަށް ހަލުވިކަމާ އެކު ފެތުރޭ އަދި އިންސާނުންނަށް ވެސް މަދުމަދުން ނަމަވެސް ޖެހޭ ފުރާނައަށް ނުރައްކާތެރިވެދާނެ ބައްޔެއް ކަމަށެވެ. މިހާތަނަށް މިބަލި ޖެހިގެން ކެރެލާގައި 15،000 އަށް ވުރެ ގިނަ އަސްދޫނި މަރުވެފައިވާއިރު މިކަމުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކެރެލާއިން މިހާތަނަށް 200000 އަށްވުރެ ގިނަ ދޫނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެފަދަ ބަލިތަކުން ރައްކާތެރިވުމަށް ދޫނި މަހާއި މަހުގެ ބާވަތްތައް އަދި ބިސް ފަދަ ތަކެތި ރަނގަޅަށް ކައްކައިގެން ބޭނުން ކުރުމަށް އިލްތިމާސްކުރުމަށް ވެސް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބިހާއި ބިސް ބަންދުކުރެވިފައިވާ ފޮށިގަނޑުތަކުގައި ދޫނިރޯގާގެ ޖަރާސީމް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންކަމުން ބިސް އަދި ބިސް ބަންދު ކުރެވިފައިވާ ފޮށީގައި އަތްލުމަށް ފަހު ރަނގަޅަށް އަތް ދޮވެ ސާފުކުރުމަށް ވެސް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދޫނިރޯގާއާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ހޮޓްލައިން 3322625 ނުވަތަ މިނިސްޓްރީ އޮފް ހެލްތުގެ ހޮޓްލައިން 3014333 އަށް ގުޅުއްވުމަށް ވެސް ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
މިބަލި ފެތުރެނީ ބަލިޖެހިފައިވާ ޖަނަވާރުގެ މަސް ކައުމުގެ ސަބަބުން ނުވަތަ އޭގެ ބޮޑުކަމުދާ ތަކެއްޗާއި އަދި ކުޑަކުމުދާ ތަކެތީގެ ޒަރިއްޔާއިން މިވައިރެސް އެޖަނަވާރުތަކުގެ ތެރޭގައި ފެތުރެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖެއަށް އެތެރެވާ ދޫނިތަކާއި ޖަނަވާރުގެ އަދި ހިޖުރަކުރާ ދޫނިތަކާއި އަދި ޖަނަވާރުގެ ޒަރިއްޔާއިން ދޫނިރޯގާ ރާއްޖެ އަށް ތައާރަފްވެދާނެ ކަމަށެވެ. އަދި އެބަލި އުޅޭކަމަށް ރިޕޯޓްކުރެވިފައިވާ ގައުމުތަކުގެ ކުކުޅު މަހާއި ކުކުޅު ބިސް އަދި ކުކުޅު ބިސް އިން ހަދާފައިވާ ކާނާގެ ބާވާތްތައް ރާއްޖެއަށް އެތެރެކޮށްގެން ބޭނުންކުރާ ކަމުގައިވަނީ ނަމަ އެބަލި ރާއްޖެ އަށް ފެތުރުން އެކަށީގެންވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ދޫނިރޯގާ ޖެހިފައިވާ ދޫނި އުޅޭ މާހައުލުގެ ވައިގެ ޒަރިއްޔާއިންނާއި އެ ބަލިޖެހިފައިވާ ޖަނަވާރާއި ދޫނީގެ މަސް ރޮލާއި ކެއުމުން އަދި އެބަލި ޖެހިފައިވާ ދޫނީގެ ބިސް ބޭނުންކުރުމުން އެޗްޕީއޭއައި ނަކަމަށް ކިޔާ ވައިރަހެއް އިންސާނުންގެ ގަޔަށް އަރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"މިވައިރަސްއަކީ އޭގެ ޒާތުގައި 60 ޑިގްރީ ސެލެސިއަސްގައި 30 މިނިޓް ވަންދެން ހޫނުކުރުމުން ނައްތާލެވޭނެ ވައިރަސްއެކެވެ. އެހެންކަމުން އެންމެ އެދެވިގެންވަނީ ދޫނީގެ ނުވަތަ ޖަނަވާރުގެ މަސް 60 ޑިގްރީ ސެލްސިއަސްއަށް ވުރެ ހޫނުމިނުގައި ގިނައިރު ކައްކައިގެން ބޭނުންކުރުމެވެ،" ހެލްތު މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
"އިންޑިޔާގެ ކެރެލާ ސްޓޭޓް އިން މިއަހަރު ތެރޭގައި މިބަލި އުޅޭކަމަށް ވަރަށް ގިނަ ރިޕޯޓްތައް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އަށް ލިބިފައިވެ އެވެ. އެހެންކަމުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އާއި މިނިސްޓްރީ އޮފް ހެލްތްއިން ގުޅިގެން މިބަލި ރާއްޖެ އަށް ތަޢާރަފް ވިޔަ ނުދިޔުމަށްޓަކައި މަސައްކަތްކުރަމުންދެއެވެ،"