30 Nov 2014, 18:12
ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން ދާއިރު ހުޅުމާލޭގައި 1200 ކުދިންގެ ޖާގައިގެ އާ ސްކޫލެއް ހުޅުވައި، އެތަނުގައި ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު މިއަދު ވިދާޅުވީ، އަންނަ އަހަރު ހުޅުމާލޭގައި ހުޅުވާ ސްކޫލުގައި ގްރޭޑު އެކަކުން ފެށިގެން 10 އަކަށް ކިޔަވައިދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
"ދެން މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ އިތުރު ސްކޫލެއް އެބަ ލިބޭ. އެއީ ހުޅުމާލޭގައި ހެދިގެން އަންނަ ސްކޫލެއް. އެ ސްކޫލަކީ 1200 ކުދިން އެކޮމަޑޭޓް ކުރެވޭނެ ސްކޫލެއް ކަމަށްވާތީ ރިކުއެސްޓު ކުރާ ގިނަ ކުދިންނަށް އެތަނުން ޖާގަ ލިބިގެން ދާނެ. އެއީ ގްރޭޑް އެކަކުން 10 އަކަށް އޮންނަ ސްކޫލެއް،" ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.
ސަރުކާރުން އާ ސްކޫލެއް ހުޅުވުމުގެ ބޭނުމަކީ، ސްކޫލަށް ވަންނަ ކުދިންގެ އާބާދީ އިތުރުވާތީ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރު ގްރޭޑް އެކަކަށް ބަދަލުވާ ކުދިންގެ އަދަދު މިއަހަރަށްވުރެ 11.3 އިންސައްތަ އިތުރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލުތަކަށް ކުދިން ވެއްދުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވަކި ސްކޫލުތަކަކަށް ވެއްދުމަށް އެދިފާވާ ކުދިން އެ ސްކޫލުތަކަށް ބެހުމުގެ މަސައްކަތް ކުރަމުންދާއިރު އޭގައި ބޮޑަށް ބަލާނީ އެ ދަރިވަރެއް އުޅޭތަނަކާ ކައިރި ސްކޫލަކުން ޖާގަ ހޯދައިދިނުމަށް ކަމަށެވެ.
ގްރޭޑް އެކަކަށް ބަދަލުވާ ދަރިވަރުންގެ މައުލޫމާތު މާދަމައިން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީގެ ވެބސައިޓުން ލިބެން ހުންނާނެ ކަމަށާއި ގްރޭޑް ހަތަކުން އަށަކަށް ބަދަލުވި ކުދިން ކިޔަވަން ބޭނުންވާ 'ސްޓްރީމްް'އާއި ގުޅިގެން މިމަހު 20ގައި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު މިޔަދު ވިދާޅުވި އެވެ.