30 Nov 2014, 16:23
ނޫސްވެރިން މަސައްކަތްކުރާން ޖެހޭނީ، 'ހަނީ-ބީސް' (މާމުއި ކުޅަނދުރު) ތަކެއްފަދައިން "ކަށި ޖަހަމުން ހަމަ އެއާއެކު މާމުއި އުފައްދަމުން" ކަމަށާއި، 'ހައުސް-ފްލައި' (މެހި) ތަކެއް ފައިދައިން "ހަމަ އެކަނި ބަލިތައް ފަތުރަމުން" ނޫންކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އިރުއުތުރު އިންޑިއާގައި އިނގިރޭސިބަހުން ނެރޭ އެންމެ މަގުބޫލު ދުވަހުނޫސް ކަމަށްވާ "ދަ އައްސާމް ޓްރިބިއުން"ގެ "ޕްލެޓިނަމް ޖުބިލީ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި މޯދީ ވިދާޅުވީ، ކުރިއަރަމުންދާ މިފަދަ މުޖުތަމައުތަކުގައި ނޫސްވެރީންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންފަދަ ކުރިއަރަމުން އަންނަ މުޖުތަމައެއްގައި ނޫސްވެރީންނަށް ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ. ކުރީން އަޅުގަނޑުމެންނަށް 24 ގަޑިއިރުތެރޭގައި ލިބެނީ އެންމެ ޚަބަރެއް، އެކަމަކު މިހާރު މިނިޓެއްގެ ތެރޭގައި މަދުވެގެން 24 ޚަބަރު އެބަ ލިބޭ. އަދި މިކަމުގައި ހުރި ގޮންޖެހުންތަކަކީ ތެދުވެރިކަމާއެކު މައުލޫމާތު ފޯރުކޮށްދީގެން އިތުބާރު ހިފެހެއްޓުން،" ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހުންގާނުގައި ހުންނެވި މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ، ޚަބަރެއް މަތިމަތިން ކިޔާލުމުން ނުފުދޭ ކަމަށާއި އޭގައި ބުނާ ހަގީގަތް ދޭހަވުމަށް މުޅި ޚަބަރު އެއްކޮށް ކިޔަންޖެހޭނެ ކަމަށެވެ.
"ކުރީ ޒަމާނުގައި އަޅުގަނޑުމެންނަށް ފެނޭތޯ 'ޕިއޯ ގީ' [އެހެން އެއްޗަކާ އެއް ނުކޮށް ހުންނަ ސާފު ގިތެޔޮ] މިތަނުން ލިބެން އެބަހުއްޓޭ ބުނެ ލިޔެފައި ހުންނަ ބޯޑުތައް؟ އެކަމަކު މިހާރު އަޅުގަނޑުމެންނަށް އެފަދަ ތަކެތި ފެނޭ. ހަމަ އެގޮތަށް މީޑިއާ ތައްވެސް މިހާރު އެބައި މީހުން އިސްތިހާރުވާން 'ތެދު ޚަބަރު' އަދި 'އަވަސް ޚަބަރު' ފަދަ ސްލޮގަންތައް މީހުންގެ ނަޒަރު އެ ފަދަ މީޑީއާތަކަށް އަނބުރާލުމަށް ބޭނުންކުރަމުން ދަނީ،" މޯދީ ވިދާޅުވި އެވެ.
މީޑީއާތައް މިފަދައިން ތެދު އަދި އަވަސް ޚަބަރު ފަތުރާ ވަސީލަތްތަކުގެ ގޮތުގައި މަޝްހޫރުވެ، އެބައި މީހުން ލިޔާ ލިޔުންތައް އެއީ ދޮގެއް ކަމުގައި ވީ ނަމަވެސް ކިޔުންތެރީންނަށް އެއީ ތެދެއްކަމަށް ގަބޫލުކުރެވޭ ވަރަށް މީޑިއާ ތަކުގެ ނުފޫޒު މީސްތަކުންގެ މައްޗަށް ފޯރަމުންދާއިރު ނޫސްވެރީން އެބައިމީހުން ލިޔާ ތަކެތީގެ ޒިންމާ ފުރިހަމައަށް ނަގައި ޒިންމާދާރު ބަޔަކަށް ވުމަށް އެމަނިކުފާނު ގޮވައިލެއްވި އެވެ. އަދި މީހުން އިތުބާރު ކުރާ މީޑީއާއެއްގެ ގޮތުގައި ދެމިއޮތުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.
"ޚަބަރުފަތުރާ އޯގަނައިޒޭޝަނެއް ފަށައިގަތުމަކީ، ވަރަށް ފަސޭހަކަމެއް. އެކަމަކު އިތުބާރުހުރި ބައެއްގެ ގޮތުގައި ދެމިއޮތުމަކީ ކުރިމަތިވާ ބޮޑު ގޮންޖެހުމެއް،" އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
މޯދީ ވަނީ، މިނިވަންކަމާއެކު ޚިޔާލުފާޅުކުރަމުންދާ ދިއުމުގައި އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފިއްޖެނަމަ ވަކި ހިސާބަކުން އިންޒާރުތަކާ ކުރިމަތިލާން ޖެހިދާނެކަން ގަބޫލުކޮށް ޚަބަރު ގެނެސްދިނުމުގައި ތެދުވެރިކަމާއެކު ރަނގަޅުގޮތުގައި މަސައްކަތްކުރަން ނޫސްވެރިންނަށް ގޮވާލައްވައިފައެވެ.
"ނޭވާލުމުގެ މުހިއްމުކަން ދެސިކުންތެއްހާއިރު ނޭވާ ނުލެވި ހުންނަ މީހާއަށް އިހްސާސް ކުރެވޭ ފަދައިން، ޑިމޮކްރަސީއެއްގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މުޙިއްމުކަން އަޅުގަނޑުމެންނަށް ގަބޫލު މިކުރެވެނީ އެކަން ނިގުޅައި ގަނެވޭ ހިސާބުން،" މޯދީ ވިދާޅުވި އެވެ.