30 Nov 2014, 15:17
އެސްޓީއޯއިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ޕެޓްރޯލް ޝެޑް ގާއިމްކުރުމަށް ބޭނުންވާ ބިމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކު އެސްޓީއޯއިން މިއަދު ސޮއިކޮށްފި އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެވެ.
ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އެދިލެއްވުމުގެ މަތިން ހުޅުމާލޭގައި އެ ކުންފުނީގެ ޕެޓްރޯލް ޝެޑެއް ގާއިމް ކުރުމުގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ފަހެއް ނުވަތަ އަށް މަސް ދުވަހުގެ ތެރޭގައި ތެޔޮ ޝެޑްގެ މަސައްކަތް ނިންމާލުމަށްފަހު ޚިދުމަތްދޭން ފަށާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވިދާޅުވީ، މިހާރު ހުޅުމާލޭގައި ހުންނަނީ އެންމެ ޝެޑެއް ކަމަށްވާތީ އެ ޝެޑުން ޕެޓްރޯލް އަގުބޮޑުކަމުގެ ޝަކުވާ ރައްޔިތުން ކުރާ ކަމަށެވެ. ނަމަވެސް ފެރީ ޓާމިނަލްގެ ހުޅަނގު ފަރާތުން އޮންނަ ބިމުން އެސްޓީއޯއަށް ދިން ޖާގައިގައި ތެޔޮ ޝެޑްގެ އިތުރުން ކޮންވީނިއަންސް ފިހާރައެއް ވެސް ގާއިމް ކުރެވޭނެ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.
އެސްޓީއޯ އިން ވަނީ ދާދި ފަހުން ތެލުގެ އަގަށް ބަދަލުގެނެސްފަ އެވެ. އެ ބަދަލާ އެކު ކުރިން 16.37 އަށް ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު އެސްޓީއޯ އިން ވިއްކަނީ 15.12 ރުފިޔާ އަށެވެ. އަދި ކުރިން 16.08 ރުފިޔާ އަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 14.83 ރުފިޔާ އަށެވެ.