ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ ބަހުސް ފަށަން ދޭ ނޯޓިހުގެ މުއްދަތު މަޖިލީހަށް ހުށަހަޅައި ބިލްތަކުގެ ބަހުސް ފަށަން ދޭ ނޯޓިހުގެ ހަތް ދުވަހުގެ ނޯޓިހުގެ ބަދަލުގައި ތިން ދުވަސް ދޭ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

ކޮމިޓީގެ މުގައްރިރު އަދި ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފް މިއަދު "ސަން"އަށް ވިދާޅުވީ، އެގޮތަށް ބަދަލު ގެންނަން ޖެހުނީ މަޖިލީހުގައި މިހާރު ކުރާނެ ކަމެއް ނެތިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޖެހޭތީ ކަމަށެވެ. އެހެން ކަމުން މި ހަފްތާގައި ގަވައިދަށް ބަދަލު ގެންނަން ޖެހުނީ މަޖިލީހުގެ ޖަލްސާތައް އަވަސް ކުރުމުގެ ބޭނުމުގައި ކަމަށް އާރިފް ވިދާޅުވި އެވެ.

"އާދެ އަޅުގަނޑުމެން އެބަދަލު ގެންނަން ޖެހުނީ އެނގިވަޑައިގަންނަވާނެ މަޖިލީހުގެ ކުރާނެ މަސައްކަތެއް ނެތިގެން އަޅުގަނޑުމެން އެބަޖެހޭ މިފަހަކަށް އައިސް މަޖިލިސް މެދެކަނޑާލަންވެސް. އެެހެންވެ މި ބަދަލުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް އަވަސް ވެގެންދާނެ " އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ، ގައިވައިދަށް އެގޮތަށް ބަދަލުގެނައުމުން އޭގެ އެންމެ ފުރިހަމަ ފައިދާ ދިވެހި ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް އަވަސް މިނެއްގައި ކުރެވޭނެ ކަމަށް އާރިފް ވިދާޅުވި އެވެ.