30 Nov 2014, 14:37
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲގެ ސޯޝަލް ނެޓުވޯކުގެ އެކިއެކި ވަސީލަތްތަކުން އޮންލައިންވެފައިވަނީ އޭނާގެ އާއިލާ މެމްބަރުން ކަމަށް އެ އާއިލާއިން ބުނެފި އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ރިލްވާން ފޭސް ބުކުންނާއި ވައިބާއިން އޮންލައިން ވެފައިވާތީ އެކަން ވަނީ މީޑިއާތަކުގެ ފަލަ ސުރުހީއަށް އައިސްފައެވެ. އޭރު އޭނާ މަސައްކަތް ކުރި މިނިވަން ނޫހުން ބުނީ އެއީ ކިހިނެއްވާ ކަމެއްކަން ނޭންގޭ ކަމަށެވެ.
ރިޟްވާންގެ އާއިލާއިން މިއަދު ބުނީ ރިޟްވާންގެ ފޯނު ނަމްބަރު ބޭނުންކޮށްގެން އޭނާގެ އެކައުންޓުތަކުން އޮންލައިން ވެފައިވާކަމަށާއި މީޑިއާތަކުގައި ރިޟްވާން އޮންލައިން ވެއްޖެ ކަމަށް ބުނެފައިވަނީ އެވަގުތުތަކަށް ކަމަށެވެ. އަދި އެކަން މިހާރު ވާނީ ފުލުހުންނަށް އަންގާފައިކަމަށްވެސް އެ އާއިލާއިން ބުންޏެވެ.
"ރިޟްވާންގެ އާއިލާއިން ރިޟްވާންގެ ފޯނު ނަމްބަރު ބޭނުންކޮށްގެން އޭނާގެ އެކައުންޓުތަކުގައި އޭނާ ގެއްލުމާއި ގުޅިގެން އެއްވެސް ހެއްކެއް ފެނޭތޯ ބެލުމަށް އޮންލައިންވި ވަގުތު،" ރިޟްވާންގެ އާއިލާއިން ބުންޏެވެ.
އެ އާއިލާއިން ބުނީ އޭނާގެ ސިމްކާޑު މުއްދަތު ހަމަވުމާއި ގުޅިގެން އުރީދޫއިން އަލުން އެ ނަމްބަރު ބާޒާރަށް ނެރުމުން އެ އާއިލާއިން އެނަމްބަރު ހޯދައި ރިލްވާންގެ އިންޓަނެޓު އެކައުންޓުތައް ބަލަން މަސައްކަތް ކުރި ކަމަށެވެ.
ރިޟުވާން ގެއްލުނުތާ 100 އަށްވުރެ ގިނަ ދުވަސް ވަނީވެފައެވެ. އޭނާ ގެއްލުނު ކަމަށް ބެލެވެނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބުލޮކް ކައިރިން ރޭގަނޑު ދަންވަރުގެ ވަގުތެއްގަ އެވެ.