30 Nov 2014, 13:41
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ އިސްލާހުތައް ގެނެސްފިނަމަ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވޭނެ ކަމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ބުނެފި އެވެ.
އެމްޑީއެންއިން ނެރެނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގާނޫންނަށް ހުށަހެޅިފައިވާ އިސްލާހުތަކުގައި ކުށުގައި ހައްޔަރުކުރާ މީހުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ހިފެހެއްޓުމާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށެވެ.
"ގާނޫނު އަސާސީން އެބައެއްގެ އަސާސީ ހައްގުތައް ހިމާޔަތް ކޮށްދިނުމަކީ ގާނޫނީ ވެރިކަން ހިންގާ މުޖުތަމައުއެއްގެ އަސާސީ ބަހާއެކެވެ. އެ އިސްލާހުތައް ހުއްޓުވުމަށް ހުށަހަޅާފައިވާ އިޖުރާއީ ރައްކާތެރިކަމުގެ ތެރޭގައި ހިމެނޭ ހަނުހުރުމުގެ ހައްގާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގަކީ އަދުލުވެރިކަމާއިއެކު ޝަރީއަތް ހިންގުމުގެ އަސާސީ ސިފަތަކެކެެވެ." އެމްޑީއެން އިން ނެރުނު ބަޔާނުގައިވެއެވެ.
އިތުރަށް އެބަޔާނުގައި ބުނެފައިވަނީ އެ އިސްލާހުތައް ގާނޫނަށް ގެނެސްފި ނަމަ ގާނޫނު އަސާސީގެ ބާރުކަނޑުވާލުމަކީ ވަރަށް ގާތް ކަމަކަށްވެދާނެ ކަމަށެވެ. އަދި ހުށަހެޅިފައިވާ އިސްލާހުތަކަކީ، ރާއްޖޭގައި ގާއިމުކުރެވިފައިވާ ދިމިގްރާތީ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާނެ އިސްލާހުތަކެއް ކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.
"ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހުތައް ހުށަހެޅިފައިވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި އެއްގޮތަށްކަމުގައި އިސްލާހުގައި ބަޔާންކޮށްފައި އޮތްނަމަވެސް، އެ މާއްދާގެ (ހ) ގައި ބުނާ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންވެސް އެއިން ހައްގެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން ދިމިގްރާތީ މުޖުތަމައެއްގައި މިފަދަ ހައްގުތައް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ މިންވަރަކަށް ކަމަށް ބުނެފައިވާ ނުކުުތާއާ ތައާރުޒުވޭ،" އެޖަމިއްޔާގެ ބަޔާނުގައިވެ އެވެ.
އަދި މިހާރު ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ގާނޫނަށް ނުގެނެސް އެއަށްވުރެ ރަނގަޅު އިސްލާހުތަކެއް ހުށަހެޅުމަށް މަޖިލިސް މެމްބަރުންނަށާއި ސަރުކާރަށް އެ ޖަމިއްޔާއިން ގޮވާލާފައިވެއެވެ.