30 Nov 2014, 13:24
މިއަހަރުގެ މިހާތަނަށް އައިއިރު ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް މުޅިން އަލަށް ގުޅިފައިވާ މީހުންގެ މިންވަރު 20 އިންސައްތަ އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަނުން އިންތިޒާމް ކޮށްގެން ކަސްޓަމްސްގައި މިއަދު ފެށި، އެއްދުވަހުގެ ނެޝެނަލް ސިންގަލް ވިންޑޯ ވޯކް ޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަލަށް އެތައް ބަޔަކު ވިޔަފާރީގެ ތެރެއަށް ވަދެފައިވާ ކަމަށާއި އަހަރުގެ މިހާތަނަށް އައިއިރު އެރޮނގުން 20 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެއާޕޯޓަށް ޖައްސާ ބޯޓުފަހަރު މީގެ ކުރިއަށްވުރެ އިތުރުވެފައިވާ ކަމަށާއި މެރިން ލޭންޑްގެ ޓްރެފިކް ވެސް މައްޗަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކޯލް ކުރާ ބޯޓު ފަހަރު އެބައިތުރުވޭ. އަޅުގަނޑުމެންގެ ބަނދަރަށް ބާރުބޮޑުވޭ. އަޅުގަނޑުމެންގެ މެރިން ލޭންޑްގެ ޓްރެފިކް އެބަ މައްޗައްދޭ. ޑޮލަރު އެއް އަގެއްގައި އެބަ ހިފެހެއްޓޭ. އަޅުގަނޑުމެންގެ ރެގިއުލޭޝަން ހަރުދަނާ ވެއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސިންގަލް ވިންޑޯ ޓްރޭޑް ފެސިލިޓޭޝަން އަކީ އެންމެ މުހިންމު އެއްކަންތައް ކަމަށާއި ވިޔަފާރި ކުރަން ރާއްޖެ އަންނަ ފަރާތްތަކަށް އެއްދިމާލަކުން ވީހާ ގިނަ ހިދުމަތެއް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ އެފަރާތްތަކުން އެކަން ބަލައިގަންނާނެ ކަމެއް ކަމަށެވެ.
ސިންގަލް ވިންޑޯއަކީ މުހިންމު ކަމެއް ކަން ސަރަހައްދީ ގައުމުތަކުން ހޯދާފައިވާ ކުރިއެރުމުން އެނގިގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ސިންގަޕޫރާއި ކޮރެއާ ފަދަ ގައުމުތަކުން އެ ސިސްޓަމް ބަލައިގެންފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިކޮނަމިކް ޑިވެލޮމްޕަންޓާއި ކަސްޓަމްސްއާ އެއްކޮށް އެކަމަށް އެންމެ އެކަށޭނެ، ކްރޮސް ބޯޑަރުގެ ހަރަކާތްތަކުގައި ބޭނުންކުރާ ސިންގަލް ވިންޑޯގެ ގޮތުގައި ބޭނުންކުރާ ސޮފްޓްވެއާއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި 2015 ނިމުމުގެ ކުރިން އެހިދުމަތް ތައާރަފް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެފަދަ ސޮފްޓްވެއާއެއް ބޭނުން ކުރަން ފެށުމުން އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް ދުނިޔޭގެ ކުރިއަރާފައިވާ ވިޔާފާރީގެ ރީޓެއިލް ޓްރޭޑްގައި ކުރިއެރުން ހޯދާފައިވާ ގައުމުތަކާއި އެއްފަންތިއަކަށް ނުވަތަ އެއް ދިމާލަށް ދިއުމަށްޓަކައި ކުރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ސިންގަލް ވިންޑޯ ސިސްޓަމްގެ ދަށުން އެއް ދިމާލަކުން ވިޔަފާރީގެ ކަންކަން ފަސޭހަކޮށް ފޯރުކޮށްދިނުމާއި އެއްގައުމުން އަނެއް ގައުމަށް ވިޔަފާރީގެ ލިޔެކިޔުންތައް ސޮފްޓްވެއާ މެދުވެރިކޮށް ފަސޭހަ ކަމާއެކު ފޯރުކޮށްދެވޭނެ އެވެ.